މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހދ. ނެއްލައިދޫ ބަނދަރުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 5 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ.

Ad
rt

އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 164 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 224 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި އަދި 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫޢު ފެށުމަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 27 ފެބްރުއަރީ 2020 ގައިއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.