ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންއަންނަ ކުރިއެރުމާއި، ނަފާގެ ވާހަކަ ދައްކާއިރު، މަޖުބޫރީ ހާލަތުގައި ރިސޯޓުތަކުގައި އެތައް ދުވަހެއް ހޭދަކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ ގުރުބާނީ ވެސް ހަނދާން ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ އަނބިފިރި ކަމުގެ ޙައްޤަކީވެސް އިންސާނީ ޙައްޤެއް ކަމަށެވެ.

Ad
rt

ޢަލީ މިމޭރުމުން ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، އެ ސިނާއަތަށް ބޮޑުކުރިއެރުމެއް ލިބިފައިވާކަމަށް ކަމާގުޅޭ ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އާ އަހަރާ ދިމާކޮށާއި، ކްރިސްމަސް އާއި ދިމާކޮށް ވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ނަމަވެސް ގިނަ ރިސޯޓުތަކުން ޚިދުމަތް ދެމުން އަންނަނީ ވަރަށް މަދު މުވައްޒަފުން ބޭނުން ކޮށްގެންނެވެ.

ޢަލީ ވިދާޅުވީ، ޓުއަރިޒަމް ބޫމްއެއްގެ ވާހަކަ ދައްކާއިރު، ރިސޯޓުތަކުގައި އަނބިދަރިންނާ ޢާއިލާ އާއި ބައްދަލުނުވެ، އެތަކެއް މަސްތަކެއް ހޭދަކުރުމަށް މަޖުބޫރު ވެފައިވާ މަސައްކަތްތެރީންގެ ޤުރުބާނީގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި އަނބިފިރި ކަމުގެ ޙައްޤަކީވެސް އިންސާނީ ޙައްޤެއް ކަމަށް ޢަލީ ވަނީ ވިދާޅުވެފައެވެ.

ކޯވިޑްބަލީގެ ގޮންޖެހުން ތަކާއިއެކު ވެސް ނިމުނު އަހަރު ރާއްޖެއަށް ވަނީ 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 23،156 ފަތުރުވެރިން ވަނީ މިއަހަރު ޒިޔާރަތް ކޮށްފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ބަންދުކުރުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓްހައުސްތައް 2020 ވަނަ އަހަރުގެ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވާލާފަ އެވެ.