އަވަށްޓެރި ސްރީލަންކާގައި ކޯވިޑް-19 ބަލީގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ މިވަގުތަށް ވަރަށް މުހިންމުކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ ކޯވިޑް ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން އިއްޔެ ބުނެފައި ވަނިކޮށް ރޭ ކުރަށްވާފައިވާ ޓުވީޓެއްގައެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޯވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މިވަގުތައް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ގިނަ ދީނީ ޢިލްމު ވެރިންވެސް ވަނީ އެކަމަށް ތާއީދު ކުރަށްވާ ޓުވީޓު ކުރަށްވާފައެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ކޯވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދުކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޯވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދުކުރެވޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް ބަލީގައި ލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ކޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަކަމަށެވެ.