މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރާއްޖޭގެ އެކިރަށްރަށުގައި ހިންގަވަމުން ގެންދަވާ ސިލްސިލާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގެ ތެރެއިން، ރ. ފައިނު އަދި ރ. ކިނޮޅަހުގައި މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ރ. ފައިނު އަދި ރ. ކިނޮޅަހުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އެ ދެ ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިގޮތުން ފޯރުކޮށްދެވުނު މަޢުލޫމާތު ތަކުގެ ތެރޭގައި، ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކާއި، ކުށެއް ހިނގައިފިނަމަ ކުށުގެ ވެށި ރައްކާތެރިކޮށް ބޭއްވުމަށް ކުރެވިދާނެ ކަންކަމާއި އަދި މައްސަލަތައް ސިއްރުނުކޮށް ވީހާވެސް އަވަހަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ރަށްރަށުގެ ކައުންސިލްތަކުން އަންގާ އެންމެހައި ކަންކަމަށް ބޯލެނބުމަށާއި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރާއި އެއްގަމު އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
އެ ދެ ރަށުގައި ފުލުހުން ހިންގި މި ޕްރޮގްރާމްގައި ވަނީ އެ އަތޮޅުގައި ފުލުހުން ބޭނުންކުރަމުންދާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، އެ ދެ ރަށުގައި އުޅޭ ބިދޭސީންނާއި ވިޔާފަރިކުރާ ތަންތަނާއި އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ވެސް ފަށައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!