މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2020 ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު، މެންބަރު ކަމުން ވަކިކުރުމަށް 28 އޮކްޓޯބަރު ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޤާމުން އިސްތިއުފާ ދެއްވައި، ރައީސް ޞާލިޙަށް ޒީނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްސަލަ ކޮމިޓީން ބަލައި މަޤާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުންކަމަށް ޤަބޫލުނުކުރައްވާކަމަށާއި އަދި އޭނާ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ޒިންމާދާރުކަމާއެކުކަމަށް ވިދާޅުވެފައެވެ. އަދި، ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް އެކުލެވޭ ތުހުމަތުތަކެއް ނޫންކަމަށް ޒީނާ ވިދާޅުވެފައިވެ އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރީ ސަރުކާރުން އައްޔަންކޮށްފައިވާ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވާއިރު، އެ ކޮމިޝަންގެ މެމްބަރު ކަމުގައި ހުންނެވި ފާތިމަތު ޒައިނާ ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ފާސްވުމުން މަޤާމުން ވަކިކޮށްފަ އެވެ.
މީގެ އިތުރުން ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!