ދުނިޔޭގެ ގިނަ ޤައުމުތައް ކޯވިޑް-19 ގެ ދެވަނަ ރާޅެއްގެ ދަށުވެފައިވާއިރު، ޓައިވާންއިން މި ބަލީގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް ވެއްޖެއެވެ.

ޓައިވާންއަކީ މި ވަގުތު ދުނިޔޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ ކާމިޔާބު އެއް ޤައުމެވެ. އަދި މި ޤައުމަށް އަނެއްކާވެސް މި ލިބުނު ޝަރަފަކީ މިއަދާއި ހަމައަށް ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް ވުމެވެ. އެންމެ ފަހުން ޓައިވާންއިން މި ބަލީގެ ކޭސްއެއް ފެނިފައިވަނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.

Ad
rt

ދުނިޔޭގެ ގިނަ ބަޔަކު ޓައިވާންއާއި މެދު ކުރަނީ މި ވަގުތު އެއް ސުވާލެކެވެ. 23 މިލިޔަން މީހުންގެ މި އާބާދީ އޮންނަ ޤައުމުން ރަނގަޅަށް ކުރަނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟ މިހާތަނަށް އެ ޤައުމުގައި މި ބަލިޖެހިގެން ރިޕޯޓުކޮށްފައިވަނީ 550 މީހުންނެވެ. އަދި މި ބަލީގައި މަރުވެފައިވަނީ އެންމެ 7 މީހުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ޢަދަދުތައް އެހާ ތިރިވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ، އެހެން ޤައުމުތަކަށް ވުރެ ކުރިން އެ ޤައުމުގެ ބޯޑަރުތައް ބަންދުކޮށްލުމެވެ. އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ވަރުގަދަ ކުރުމާއި، ކަރަންޓީނުގެ ކަންކަން ގާތުން ބެލުމާއި، ހުރިހާ ހިސާބެއްގައިވެސް މާސްކު އެޅުން މަޖުބޫރުކުރުމެވެ. ހަމަ އެހެންމެ، އެ ޤައުމަށް ކުރިމަތިވި ސާރސްގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ބަޔަކު ހޭލުންތެރިވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޓައިވާންގެ އިޤްތިޞާދަކީ މި އަހަރުގެ ތެރޭގައި ކުރިއަށް ދާނެ މަދު އިޤްތިޞާދުތަކުގެ ތެރެއިން އެއް އިޤްތިޞާދުވެސްމެއެވެ. އަދި މި އަހަރު އެކަނި 1.56 ޕަސެންޓްގެ ކުރިއެރުމެއް މި ޤައުމުން ހޯދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

ޓައިވާންގެ ފަރާތުން ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ޤައުމުތަކަށް އޮތް ފިލާވަޅެއްގެ ގޮތުގައި އެ ޤައުމުގެ ކުރީގެ ނައިބު ރައީސް އަދި އެޕިޑެމިއޮލޮޖިސްޓް ޗެން ޗިއެން ޖެން ވިދާޅުވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގް ހަރުދަނާ ކުރުމާއި، ކަރަންޓީނުގެ ކަންކަން ގާތުން ބެލުމެވެ.

ހަމައެހެންމެ، ޤައުމުތަކުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާއަކީ، ކަރަންޓީނުގައި ތިބޭ ރައްޔިތުން ކަރަންޓީނުގައި ބެހެއްޓުމަށް ރައްޔިތުންނަށް ފަސޭހަތައް ކޮށްދިނުމެވެ. މިގޮތުން ޓައިވާންއިންވަނީ ކާބޯތަކެތި ކަރަންޓީނުގައި ތިބި މީހުންނަށް ހަމައަށް ފޯރުކޮށްދީ އަދި ައެހެނިހެން ތަކެތިވެސް ބަރާބަރަށް ފޯރުކޮށްދީފައެވެ. އަދި ކަރަންޓީނުގެ ވަގުތުތަކުގައި އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކުން 35000 ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.