ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ވޭތުވި ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް27،217 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އަދަދަކީ މިއަހަރުގެ އޯގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުންވެރިންގެ އަދަދާއި އަޅާ ބަލާއިރު %56 އިތުރު ވުމެއް ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހާއި ހަމައަށް 8350 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައި އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޯގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރުމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު ވަނީ ރާއްޖެ އައިސްފަ އެވެ.
ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވާއިރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން ތެރެއިން ކޯވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުން ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ ގެސްޓްހައުސްތައް ވެސް މިމަހު 15 އިން ފެށީގެން ވަނީ ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!