ކުޅުދުއްފުށީ ސިޓީގައި އަލަށް އިމާރާތްކުރާ އައު އިންޖީނު ގޭގެ ބިންގާ އަޅައިފިއެވެ.
މިއަދު ހެނދުނު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅިގެން ދިޔައިރު، މި އިންޖީނުގެ އަކީ ޒަމާނާއި ޓެކްނޮލޮޖީގެ ގިނަ ވަޞީލަތްތަކެއް އެކުލެވިގެންވާ އަތޮޅު ތެރޭ މިހާތަނަށް އިމާރާތް ކުރެވޭ އެންމެ ބޮޑު އިންޖީނުގެއެވެ.
ފެނަކައިން އަތޮޅުތަކުގެ ގިނަ އިންޖީނުގެ ތަކެއް އަލުން ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަދު ހެނދުނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދާއި، އެސިޓީގެ ދެ ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރު ކަމަށްވާ ޔާސިރު އަބުދުއް ލަތީފާއި، ޖަމްޝީދު މުޙައްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު ވިދާޅުވިގޮތުގައި، މި އިންޖީނުގެ އަކީ މި ޒަމާނަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރެވިގެން ފުރިހަމަ ކުރެވޭނެ އިންޖީނުގެއެކެވެ.
އަދި މި އިންޖީނުގެ އަޅައި އެއްކޮށް ނިމޭ އިރު، ހަތަރު މެގަވޮޓްގެ 5 ބެޑް ހުންނާނެ ކަމަށާއި، މި އިންޖީނުގެ ހަދާ ނިމުމަށްފަހު ކުރިއަށް އޮތް 35 އަހަރު އެއްވެސް ބަދަލެއް ނުގެނެސް ބޭނުން ކުރެވޭނެކަމަށެވެ. މި އިންޖީނުގެ އެޅުމަށް 15،755،760.90 ރުފިޔާ ޚަރަދު ވާނޭ ކަމަށް ފެނަކައިން ވަނީ ލަފާ ކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވީ، މިދައުރު ފުރިހަމަކުރާނީ އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދަތައް ފުއްދައިގެން ކަމަށެވެ.
ހދ. ކުޅުދުއްފުށިގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގެ އިމާރާތުގެ ބިންގާ އެމް.ޑީ އަޙްމަދު ސައީދް އާއި, ކުޅުދުއްފުށި ދާއިރާގެ އިއްޒަތްތެރި މެންބަރުން ކަމުގައިވާ ޖަމްޝީދު މުހައްމަދު އަދި ޔާސިރު ޢަބްދުލް ލަތީފް މިއަދު އަޅުއްވައިދެއްވައިފި. #ޓީމްފެނަކަ pic.twitter.com/Nv2Kw83Gpg
— Fenaka Corporation Ltd (@TeamFenaka) October 14, 2020
މި އިންޖީނުގެ އަޅާ ނިންމުމަށް ދީފައިވާ މުހުލަތަކީ 330 ދުވަހެވެ. މި އިންޖީނުގެ އަޅާ ނިމޭ އިރު، މި އިންޖީނުގެ ވެގެންދާނީ، ހދ އަތޮޅުގެ އެންމެ ބޮޑު އިންޖީނުގެއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!