ޕޯރޗުގަލްގެ ފުޓުބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން، ޕޯރޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރޮނާލްޑޯ މި ބައްޔަށް ޕޮޒިޓިވް ވުމާއި އެކު، މިރޭ ސްވިޑެން އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން އޭނާ ނުފެންނާނެ އެވެ. އަދި އޭނާ ނުފެންނާނެ ކަމަށް ޕޯރޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެސް ވަނީ ބުނެފައެވެ.

Ad
rt

35 އަހަރުގެ މި ފޯރވަޑު މި ވަގުތު ޔުވެންޓަސްއަށް ކުޅެމުން އަންނަ އިރު، ޤައުމީ ޓީމަށް ނޭޝަންސް ލީގުގައި ކުޅެދިނުމަށް ދިޔައީ ޤައުމުގެ ކުޅުންތެރިންނާއި އެކު ފަރިތަ ކުރަމުންނެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ، ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައެވެ.

ރޮނާލްޑޯއާއި ބެހޭ ގޮތުން ޢާންމު ކުރި އެންމެ ފަހުގެ މަޢުލޫމާތު ބުނާ ގޮތުގައި، އޭނާގެ ފަރާތުން އަދި ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނެއެވެ.

ރޮނާލްޑޯ އަކީ، މި އިންޓަރނޭޝަނަލް ފްރެންޑްލީތައް މިދިޔަ ހަފްތާ ތެރޭގައި ފެށިގެން ދިޔަ އިރު، ޕޯރޗުގަލްއިން މި ބައްޔަށް ޕޮޒިޓިވްވި 3 ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން، ޑިފެންޑަރ ހޯޒޭ ފޮންޓޭ އަދި ގޯލްކީޕަރު އެންތޮނީ ލޯޕޭޒްވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ނޭޝަންސް ލީގުގައި، ފްރާންސް އަދި ޕޯރޗުގަލް ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާ އިރު، ޓޭބަލްގެ ފުލުގައި އޮތް ސްވިޑެންއާއި ދެކޮޅަށް ރޮނާލްޑޯއަށް ނުކުޅެވޭ އިރު، މީގެ ކުރިން ސްވިޑެންއާއި ދެކޮޅަށް ކުޅުން މެޗުގައި ރޮނާލްޑޯ ވަނީ 2 ގޯލު ޖަހާދީފައެވެ.

ޕޯރޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނާ ގޮތުގައި، އެ ޓީމުގެ ދެން ބާކީ ތިބި އެއްވެސް ކުޅުންތެރިއަކަށް މި ބަލި ޖެހިފައި ނުވާ ކަމަށާއި، ދެން ބާކީ ތިބި ހުރިހާ ކުޅުންތެރިންވަނީ މި ބައްޔަށް ނެގެޓިވްވެފައެވެ.