މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ހދ. ނެއްލައިދޫ އަދި ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިގޮތުން އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

Ad
rt

ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް އެމްޓީސީން ބުންޏެވެ. މި މަޝްރޫޢު ފެށުމަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 27 ފެބްރުއަރީ 2020 ގައިއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 164 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 224 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި އަދި 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީން ބުންޏެވެ. ފީވަކު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެ ކުންފުނިން ސޮއިކުރެވިފައިވަނީ 02 ޖުލައި 2019 ގައި އެވެ. އަދި މި މަޝްރޫޢުގެ އަގަކީ 69,301,516.27 ރުފިޔާ އެވެ.

އެމްޓީސީސީން ތަރައްޤީކުރާ ށ. ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ، ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 644 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.