ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، ކޯވިޑް-19 ސާމްޕަލް ނެގި ސިއްހީ ޙިދުމަތްތެރިޔާއަށް ހަމަލާދީ، އަދި މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ ކަމަށް ބުނާ މައްސަލަ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ރޭ ހިނގާފައިވާ މި ހާދިސާއާއި ގުޅޭ މިމައްސަލަ އެމްއެޗްޕީޔޫއިން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީއަށެވެ.

Ad
rt

އެމްއެޗްޕީޔޫއަކީ ސިއްޙީ ދާއިރާގެ މަސައްކަތްތެރެއިން މަސްލަހަތާއި، ހައްޤުގައި އަދި އިނާޔަތްތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކެވެ.

އެ މައްސަލަ އެ ކޮމެޓީއަށް ހުށަހެޅުމާއި ގުޅިގެން އެމްއެޗްޕީޔޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ރޭ، ގަޑިން 7:00 އާއި 8:00 ދެމެދު، ރައްޔިތުންގެ މަޖްލިސްގެ ދިއްގަރު ދާއިރާގެ
މެންބަރު، އިކްރާމް ޙަސަން، އޭނަގެ ކޯވިޑް ސާމްޕަލް ނެގި ސިއްހީ ޙިދުމަތްތެރިޔާއަށް ހަމަލާދީ، މާރާމާރީ ހިންގާ، އަދި މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން، ބަލައިދީ ފިޔަވަޅު އަޅައިދިނުމަށްއެދި، އިއްޔެ، ރައްޔިތުންގެ މަޖްލިސްއަށް ސިޓީ ފޮނުވާފައި ވާކަމަށެވެ.

''މެންބަރު އިކްރާމް ޙަސަންވަނީ، އޭނާގެ ސާމްޕަލްނެގި ޙިދުމަތްތެރިޔާއަށް ދެފަހަރެއްގެ މަތިން އަތްއިސްކޮށް، (އެއް ފަހަރު އަތުގައި އަނެއްފަހަރު ފޭސް ޝީލްޑްގައި) ތިމަންނާއަށް އަނިޔާކުރާނަމަ، ޖެހުމުގެ ހައްޤު އޮންނާނެކަމާއި އަދި ތަކުރާރުކޮށް ޖަހާނެކަމަށް ބުނެފައެވެ. ތިމަންނާއަކީ އެމް.ޕީއެއްކަމަށާއި ތިގޮތަށް އަނިޔާ
ނުކުރެވޭނެ ކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށައަޅާނެކަމަށް ބުނެ ބިރުދައްކާފައެވެ. އަދި ޙިދުމަތްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އެނާއާއި މުޙާތަބުކޮށް "މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކާފައެވެ.''

އެ ނޫސްބަޔާނުގައި ވެއެވެ.

އެމްއެޗްޕީޔޫއިން އިން އިތުރަށް ބުނީ ރައްޔިތުން އިންތިޚާބުކުރާ، ރައްޔިތުން ތަމްސީލްކުރާ އިއްޒަތްތެރި މަޤާއެއްގައި ހުރެ، ރައްޔިތުންނަށް ޢާއްމު ޙިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުއައްޒަފަކަށް، ފުރައްސާރަކޮށް ހަމަލާދީ، އަދި އެކަން ދިފާއު ކުރައްމުންދާ ދިއުން މިޔޫނިއަންއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

''މިކަމާއި މެދު މުއައްޒަފު ތަމްސީލްކުރާ އެއްސް ވުޒާރާއަކުން، މި އަމަލުކުށްވެރިކޮށް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމީ، މިޔޫނިއަންއިން ކަންބޮޑުވާ ކަމެކެވެ.''

އެމްއެޗްޕީޔޫއިން ބުނެފައި ވެއެވެ.

ކޯވިޑް-19ގެ ހާލަތުގައި، މިއަހަރުގެ މާރިޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން، މިއަދާއި ހަމައަށް، ސިއްހީ ޙިދުމަތްތެރިން އަދި ވޮލަންޓިއަރުންދަނީ، އާއިލާއާއި ރަހްމަތްތެރިންނާއި ދުރުގައި ނަފްސު ނުރައްކަލެއްގެ ތެރޭގައި ވީނަމަވެސް، ޤައުމާއި ރައްޔިތުންނަށް ހިދުމަތް ކުރަމުން ކަމަށާއި، އެމީހުން، އެޙިދުމަތުގައި ދެމި ތިބީ، ލިބޭ މުސާރައާއި ޢިނާޔަތްތަކަށްވުރެ ބޮޑަށް، ޤައުމީ ރޫހުގައި، ކޯވިޑް-19ގެ ހާލަތުން ރައްޔިތުންނާއި މުޖުތަމަޢު ސަލާމަތްކުރުމުގެ މަތްކުރުމުގެ ރޫހުގައި ކަމަށް އެމްއެޗްޕީޔޫއިން ބުނެފައި ވެއެވެ.

އެމީހުންނަށް މުޖުތަމައު ތެރެއިން މަދުން ނަމަވެސް، ފުރައްސާރައިގެ ބަސްތަކާއި ކުރިމަތިލާންޖޭކަން ފާހަގަކޮށް، އެ އަމަލުތަކުގެ ސަބަބުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތަކަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުން
ލިބެމުންދާ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު، ފިޔަވަޅުއަޅައިދިނުމަށް، ގޮވާލާ ކަމަށް އެމްއެޗްޕީޔޫއިން ބުނެފައި ވެއެވެ.

ކޯވިޑް ސާމްޕަލް ނެގި ޚިދުމަތް ތެރިޔާއަށް ހަމަލާ ނުދޭކަމަށާއި، ''ނޭފަތުގެ ތެރެއަށް ކަފަބުރުލާފައި ތަޅުވައި ގަތީމައި އަތް ދުރަށްލިން'' ކަމަށް ކުރިން ވިދާޅުވެ، އެކަމުން ދިފާޢުވެ ވަޑައިގަންނަން މެންބަރު އިކްރާމް ވަނީ ކުރިން ވާހަކަ ދައްކަވާފައި އެވެ.

ނަމަވެސް މެންބަރު އިކްރާމް އިއްޔެވަނީ އެކަމާއި ގުޅިގެން އެ ސިއްހީ ޚިދުމަތް ތެރިޔާގެ ކިބައިންނާއި އެޗްއީއޯސީ ޓީމުގެ މުވައްޒަފުންގެ ފަރާތުން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.