ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއިގުޅޭ އެމްއޯޔޫ އެއްގައި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރްއައި) އާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި، އެސްއާރްއައި އާއެކު އޮންލައިންކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެވެ.

Ad
rt

އެ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރއައިގެ އެގްޒެކެޓިވް ޑިރެކްޓަރ ޑިއެޑްރެ ފިޓްޕެޓްރިކްއެވެ.

އެސްއާރްއައި އާއެކު ޓްރާންސްޕޯޓުން އިއްޔެ ސޮއިކޮށްފައި ވަނީ ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭ އެމްއޯޔޫއެއްގައެވެ.

އެމްއޯޔޫއާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ، މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.