"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު "ތިލަމާލެ ބުރިޖު" ގެ މަސައްކަތަށް އިންޑިއާ އިން ފޯރުކޮށްދޭ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރެވެ.
މި މަޝްރޫއު އަށް އިންޑިއާ އިން ލޯނުގެ ގޮތުގައި 400 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެހީ ދިން ކަމަށްޓަކައި އިންޑިއާގެ ރައްޔިތުންންނާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާގަ އެވެ. އަދި އިންޑިއާ އިން މިހާތަނަށް ދީފައިވާ އެހީތަކުގެ މައްޗަށް އަލުއަޅުއްލައި ވަރަށް ބޮޑަށް ތައުރީފު ވެސް ކުރެއްވި އެވެ. މިއަދު ދިން ލޯނާއި ބްރިޖު މަޝްރޫއުގެ އިތުރު އެއްވެސް ވާހަކައެއް ފިނޭންސް މިނިސްޓަރު ނުދައްކަވަ އެވެ.
"މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު. މިއީ ރާއްޖެއަށް ވަރަށް ދަތި ހާލަތެއް. ދައުލަތުގެ އާމްދަނީ ވަނީ 50 ޕަސެންޓް ދަށްވެފަ. ރާއްޖޭގެ ޖީޑީޕީގެ 70 ޕަސެންޓަށް ވަނީ ދަށްވެފައި. މި އެހީގެ ސަބަބުން އިންފްރާސްޓަކްޗާ މަސަައްކަތް އިތުރު ވެގެން ދާނެ. މިއީ އިކޮނޮމީ ރީސްޓާޓް ކުރަން މުހިންމު އިންވެސްޓްމަންޓަކަށްވާނެ،"
އަމީރު ވިދާޅުވި އެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއުގެ ކޮންސަލްޓެންޓުގެ ގޮތުގައި ހަރަކާތްތެރި ވަނީ އެމްއެސް އަރޫޕް ލިމިޓެޑެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރު) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން މިހާރު އެޕްރޫވަލް ލިބިފައިވާ ކަމަށެވެ.
މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސްއަހަރު ދުވަހުގެ ފަހުން ކަމަށްވާއިރު މި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ އެވެ. ފިނޭންސުން ބުނީ މިއީ ލައިން އޮފް ކްރެޑިޓްގެ ކޮމްޕޮނެންޓު ހިމެނޭ އެއްބަސްވުމެއް ކަމުން މަޝްރޫއު ތަކުގެ ޕްރޮޖެކްޓް ކޮމްޕޯނެންޓް ގެ 75-65 ސޯސް ކުރެވޭނީ އިންޑިއާއިން ކަމަށެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށާއި ހިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ފިނޭންސުން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!