ހުޅުމާލެ ފަޅުތެރޭ އޮތް ކަންނެލި ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ "ހެރޮއިން އާއި މެތް" އަތުލައިގަނެފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހެރޮއިން އަދި މެތް ހިމެނޭ ގޮތުން 100 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ ޑުރަގް ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން އަތުލައިގަނެފައިވާ ކަމަށެވެ.

Ad
rt

އެ ދޯނި ކައިރީ ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ދޯނިން ބައެއް މީހުން ހައްޔަރުކޮށް ފުލުހުން މިހާރު އަންނަނީ އެ ދޯންޏާއި އެސަރަހައްދު ބަލައި ފާސްކުރަމުންނެވެ.

ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.

އެ އޮޕަރޭޝަނުގައި ޖުމްލަ 16 މީހަކު ހައްޔަރުކުރިއިރު، މައްސަލައިގެ ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ވަނީ ދޫކޮށްލާފައެވެ.