ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށެއް ކުރިއަރުވާ ތަރައްޤީކޮށް، އަދުގެ ޖީލާހަމައަށް ރަށް ހެޔޮގޮތުގައި ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާފައިވާ ފަހުލަވާނުންތަކެއް ވާނޭކަމާމެދު އެެއްވެސް ޝައްކެއް ނެތެވެ.

އެއީ އިޖްތިމާޢީގޮތުން ނުވަތަ އިޤްތިސާދީ ގޮތުން ނަމަވެސްމެއެވެ. އޭރަކު ރަށުގައިވާ ޖީލަކާއި އެކު މަސައްކަތްކޮށް ރަށް ތަޙުޒީބު ކޮށް، އާރާސްތުކުރުމުގައި މި ބޭފުޅުން ވާނީ އެތައް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިކަން ހަމަ ޔަޤީނެވެ.

Ad
rt

ދައްކަން މިއުޅެނީވެސް ހަމަ މިފަަދަ އަގުހުރި މަސައްކަތްތަކެއް، ރާއްޖޭގެ ރަށަކަަށާއި އެރަށް ނިސްބަތްވާ އަތޮޅަށް ކޮށްދީފައިވާ ހިތްވަރުގަދަ ފަހުލަވާނެއްގެ ވާހަކައެވެ. ނަމޫނާ ޝަޚްޞިއްޔަތެއްގެ ވާހަކައެކެވެ. އެއީ ށ.އަތޮޅު ފީވަކަށް އަދި އެ އަތޮޅަށް އުމުރުން ވަރަށް ޒުވާން އިރު ޚިދުމަތްކޮށްދެއްވަން ފެއްޓެވި ފަހުލަވާނެއްގެ ވާހަކައެވެ.

އެއީ ކ.މާލެ އަށް އުފަން ޅަހުއްތު (ކެރަފާ ޅަހުއްތުބެ) އެވެ . 1 ޖެނުއަރީ 1939 ވީ އާދިއްތަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޅަހުއްތުބެ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބޮޑު ބޭބެވެސްމެއެވެ. ޅަހުއްތު މި ދުނިޔެ ދޫކުރެއްވީ 26 ނޮވެމްބަރު 2018 ވީ ހޯމަ ދުވަހުއެވެ. ޅަތުއްޠުބެ މި ދުނިޔެ ދޫކުރައްވާފައިވަނީ އައި ޖީ އެމް އެޗް ހޮސްޕިޓަލުގެ އައި ސީ ޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭރު ޅަހުއްތުބެގެ އުމުރުން 79 އަހަރެވެ.

ޅަހުއްތުބެ އަނބިކަނބަލުން، ށ.ފީވަކު މަރީނާ ހަސަން އަށް ކައިވެނި ބައްލަވައިގަތީ ޅަހުއްތުބެގެ އުމުރުން ގާތްގަޑަކަށް 40 އަހަރުގައެވެ. ރަށުގައި ހުރިއިރު އެންމެ އިސްކަމެއް ދީގެން ޅަހުއްތުބެ ކުރެއްވިކަމަކީ އޭރު ރަށުގައި އެއްވެސްވަރަކަށް އުފެދިފައިނުވާ ކުޅިވަރުގެ ރޫޙު ޒުވާނުންގެ ކިބާގައި ހަރުލެއްވުމުގެ މަސައްކަތެވެ.

އެގޮތުން ވޮލީބޯޅައާއި ފުޓުބޯޅައިގރ ރޫހު މި ރަށުގައި އާލާކުރުމަށް ކުރެއްވި މިންނަތް މަސައްކަތް ފާހަގަ ކޮށްލަންޖެހެއެވެ. ކުޅިވަރުގެ ދާއިރާއިން ޅަހުއްތުބެއަށް ލިބިފައިވާ އަގުހުރި އިލްމުގެ ބޭނުންކޮށްގެން ޅަހުއްތުބެ އައީ ރަށުގެ ޒުވާނުން މިފަދަ ކުޅިވަރުތަކަށް ތަމްރީންކުރުވުމުގެ ގޮތުން ތަފާތު ތަމްރީން ޕްރޮގްރާމްތައް އެކިއެކި ގޮތްގޮތަށް ހިންގަވަމުންނެވެ.

އެގޮތުން ފުޓުބޯޅަ ކުޅުމުގައްޔާ ވޮލީ ކުޅުމުގައި ބޭނުން ކުރެވޭ މުހިންމު އުކުޅުތަކާއި ގޮތްތައް އޭރުގެ ޒުވާން ކުދިންނަށް ވަނީ އުނގަންނައި ދެއްވާފައެވެ. ޅަހުއްތުބެގެ އަގުހުރި އިރުޝާދުތަކާއި އެކު ށ.ފީވަކުގެ ފުޓުބޯޅަ ޓީމް ވަނީ އަތޮޅުތެރޭގައި ކުޅެވޭ ޒޯން މުބާރާތުގައިވެސް އެކި ފަހަރުމަތިން ބައިވެރިވެފައެވެ. މިހެން ކުޅެވެމުން އަންނަ ޒޯން މުބާރާތްތަކުގައި އަތޮޅުތެރޭގެ އެކި ރަށްތަކަށް މެޗުތައް ކުޅުމަށް ދަތުރުކުރަންޖެހެއެވެ. މިގޮތުން އެކިރަށްތަކުގައި ރަށުގެ ޓީމު ކުޅެވޭ މެޗުތަކުގައި ޅަހުއްތުބެ އައީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައިވެސް ހަރަކާތްތެރިވަމުންނެވެ.

ޅަހުއްތުބެގެ މި މިންނަތް މަސައްކަތުގެ ސަބަބުން ރަށުގެ އެންމެހާ ރައްޔިތުންފަދައިން ދެކެމުންދަނީ ޅަހުއްތުބެއަކީ ފީވަކުގެ ކުޅިވަރުގެ ފެށުންކަމުގެ ގޮތުގައެވެ. އަދި ފީވަކުގެ ކުޅިވަރުގެ ބާނީގެ ގޮތުގައެވެ.

ޅަހުއްތުބެގެ ޚިދުމަތް ފާހަގަކޮށްލެވެނީ ހަމައެކަނި ކުޅިވަރުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. ރަށުގަ އާއި އަތޮޅުގެ ރަށްތަކުގައި ދަނޑުވެރިކަން ދިރުވާ އާލާކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރެވެ އެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އާއި ތަފާތު ވައްތަރުގެ ބޭސްތައް ރަށާއި އަތޮޅުތެރޭގެ ރަށްތަކަށް ސަޕްލައިކޮށްދިނުމުގައި އައީ ވަރަށް އަގުހުރި ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.

ޅަހުއްތުބެއަކީ ށ.އަތޮޅުގެ އެގްރިކަލްޗަރ ގެ ކަންކަން ބެލެހެއްޓުމަށް އަތޮޅު ވެރިޔާ ކަނޑާޅާފައި ހުރި ފަރާތްވެސްމެއެވެ. އެގޮތުން ރަށުގެ ކައިރީގައި ހުރި ފަޅުރަށްތަކުން ގަސްގަހާގެހީގެ އެއްވެސް ބާވަތެއް ހޯދަން ބޭނުން ނަމަ އެ އެއްޗެއް ހޯދުމަށް އެންމެ ފުރަތަމަވެސް ހުއްދަ ހޯދަންޖެހެނީ ޅަހުއްތުބެގެ އަރިހުންނެވެ. މިހެންކަމުން ޅަހުއްތުބެގެ ހުއްދަޔަކާ ނުލާ އަދި ޅަހުއްތުބެގެ ޙާޒިރުގައި މެނުވީ މި ރަށްތަކުން ގަސްގަހާގެހީގެ އެއްވެސް ބާވަތެއް އެއްވެސް ފަރާތަކަށް ނުލިބޭ ކަމަށް ވެއެވެ. އަދިވެސް ދަނޑު ވެރިކަމުގެ އެތައް އެތައް މަސައްކަތެކެވެ.

ޅަހުއްތުބެގެ އުމުރުން ދުވަސްވުމުންވެސް ޅަަޠުއްތުބެގެ ހިތުގައި ކުޅިވަރަށް އޮތް ލޯބި އެތައް ބަޔަކަށް ވަނީ ފެނިގެން ގޮއްސައެވެ. މިގޮތުން ރަށުގައި ކުޅިވަރާ ގުޅުން ހުރި ހަރަކާތެއް ބާއްވާނަަމަ އެ ހަރަކާތެއް ބަލައިލުމަށްޓަކާ އެންމެ ފުރަތަމަ އެ ސަރަހައްދަށް ދާ ފަރާތެެއްގެ ގޮތުގައި ޅަހުއްތުބެ އައީ ފާހަގަ ކުރެވެމުންނެވެ. ރަށުގެ ކުޅިވަރަށް ޅަހުއްތުބެ ކުރެއްވި އަގުހުރި މަސައްކަތް ރަށުގެ ޒުވާނުން ދިޔައީ އިންތިހާއަށް ބަލައިގަންނަަމުންނެވެ. އެގޮތުން ފުޓުބޯޅަ މުބާރާތެއް ނުވަތަ ވޮލީ މުބާރާތެއް ނުވަތަ ކުޅިވަރާ ގުޅުންހުރި މިފަދަ މުބާރާތެއް ރަށުގައި ބާއްވައިފިނަމަ އެ މުބާރާތެއްގެ ޝަރަފްވެރި މެހެމާނުކަން ރަށުގެ ޒުވާނުން ޅަހުއްތުބެއަށް ވަނީ އެތައްފަހަރެއްގެ މަތިން ދެއްވާފައިވުން މިކަމުގެ ހެއްކަކަށް ފުދެއެވެ.

ޅަހުއްތުބެ މި ދުނިޔެ ދޫކުރެއްވި ޚަބަރު ރަށުގެ ރައްޔިތުން އެހީ ވަރަށް މާޔޫސްކަމާއި އެކުއެވެ. ޅަޠުއްތުބެ އަކީ ކުޅިވަރުގެ ކަންކަމަށް ލޯބިކުރާހެން ދީނީ ކަންކަމަށްވެސް އެހާމެ ލޯބިކުރާ ވަރަށް އަޚުލާޤު ރަނގަޅު ފަރާތެކެވެ. ހިތްހެޔޮ އޯގާތެރި އަދި އެހާމެ ހަރުދަނާ ޝަޚުސިއްޔަތެކެވެ. އެކުވެރި މަޖާ މިޒާޖެއްގެ ވެރިއެކެވެ. ޔާ ﷲ! އަލްމަރްޙޫމް ޅަހުއްތުގެ ފުރާނައަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަަރު ކޮށްދެއްވާށި! އާމީން.