ކޯވިޑް- 19 އަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިގޮތުން ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު ތެރޭގައި 156 މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަ ކުރަށްވާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހީންނާއި، 20 ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހަކާއި ލަންކާ މީހެކެވެ.

Ad
rt

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ. މި ގޮތުން މިހާރު ވެސް އަތޮޅު ތަކުގެ 10 ރަށެއްގައި ކޯވިޑްގެ ބަލި މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ މަޢުލޫމާތަށް ބަލާއިރު އެރަށް ތަކަކީ ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ކަމަދޫ، ބ. ހިތާދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށި އަދި ވ. ފުލިދޫއެވެ.

މިއަދު ޕޮޒިޓިވްވި 156 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3,949 އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1305 މީހުން ތިބިއިރު، 72 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.