ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތް ހދ. ހިރިމަރަދޫ "ހިރިޒިލް" ޓީމް އަކީ، ރަށަށް ޚިދުމަތްތެރި ޓީމެއް ކަން އެޓީމްގެ ބުންވަރުން އަންނަނީ ސާބިތު ކޮށްދެމުންނެވެ.
ރަށުގެ ޒުވާނުންތަކެއް ގުޅިގެން 2013 ވަނަ އަހަރު ވުޖޫދަށް ގެނައި "ހިރިޒިލް" ޓީމަކީ ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް، އެ ޓީމް އުފެދުނު ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ހަރަކާތްތެރި، ހިރިމަރަދޫއަށް ޚިދުމަތްތެރި ޓީމެކެވެ.
"ހިރިޒިލް" އިން ދަނީ 2013 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ޒުވާނުންނަށް އަމާޒު ކޮށްގެން، ކޮންމެ އަހަރަކު "ހިރިޒިލް 5 އޮން 5 ފުޓްސަލް މުބާރާތް" ނަމުގައި ފުޓްސަލް މުބާރާތެއް ރާވައި، ބާއްވަމުންނެވެ.
2019 ވަނަ އަހަރު ހިރިޒިލް އިން ބޭއްވި ފުޓްސަލް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، ފޮޓޯ: ހިރިޒިލް
މީގެ އިތުރުން ވެސް އެކި ހަރަކާތްތަކާއި، މަސައްކަތް ވޭތުވެ ދިޔަ ތަނުގައި "ހިރިޒިލް" އިން ވަނީ ހިރިމަރަދޫގައި ހިންގާ ފައެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަށް ބަލައިލާއިރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދާ އެރަށުގެ ބިލެތްމާގެ އަމީނާ އާދަމަށް އެހީތެރި ވުމަށް އެ ޓީމުން ހިންގި ފަންޑް ރައިޒިންގ އިވެންޓްތައް ހިމެނެއެވެ. މި ގޮތުން ހިރިޒިލްއިން އިސްނަގައިގެން ކުރި މަސައްކަތުން ވަނީ 8060 ރުފިޔާ އަމީނާ އާދަމަށް ހަދިޔާ ކޮށްފައެވެ.
ހިރިޒިލްއިން ރަށު މިސްކިތަކަށް ސައިބޯނި ފުޅި ހަދިޔާ ކުރަނީ، ފޮޓޯ: ހިރިޒިލް
ކޯވިޑް-19 ބަލި މަޑުކަމާއި ގުޅިގެން ވެސް ހިރިޒިލްއިން ވަނީ އެ ރަށުގެ މީހުން އުޅޭ ހުރިހާ ގޭބިސީ ތަކަށާއި، އެ ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކަށް ސެނިޓެއިޒަރ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން އެ ޖަމްޢިއްޔާއިން ވަނީ އަތް ދޮންނަ ސައިބޯނި ފުޅި ވެސް އެރަށުގެ މިސްކިތްތަކަށް ހަދިޔާ ކޮށްފައެވެ.
ހިރިޒިލްއިން ރަށުގެ ގޭބިސީތަކަށް ސެނިޓެއިޒަރ ހަދިޔާ ކުރަން ތައްޔާރު ކޮށްފައި، ފޮޓޯ: ހިރިޒިލް
އެ ޓީމުން އެންމެ ފަހުން ކުރި މަސައްކަތަކީ ހުސްވި ޖުލައި މަހުގެ 30 ވަނަ ދުވަހު ނިންމައި، ބޭނުން ކުރަން ފެށި އެ ރަށުގެ ބަނދަރު ސަރަހައްދުން ފެން ވެރޭނެ ގޮތް ހަމަޖެއްސައި ދިނުމެވެ. އެކަމަށް ދެ ސަވަރު ބަހައްޓައި، ރަށުގެ ކޮންމެ މީހަކުވެސް މޫދަށް އެރިލުމަށް ފަހު ފެން ވަރާލައި، ގައިން ލޮނު ފިލުވާލެވޭނެ ގޮތް ހިރިޒިލްއިން ވަނީ ފަހިކޮށް ދީފައެވެ.
ހިރިޒިލްއިން ރަށުގެ ރައްޔިތުންނަށް ބަނދަރު ސަރަހައްދުގައި ތައްޔާރުކޮށް ދިން ފެންވަރާ ތަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހިރިޒިލް
" ހިރިޒިލްއިން ކުރަމުންދާ މަސައްކަތަށް މަންމަމެން، ބައްޕަމެން ފަރާތުން ލިބޭ އެއްބާރު ލުމަކީ ވަރަށް ބޮޑު ހިތްވަރެއް، މިކަމަށް ރަށުން ސަޕޯޓްދޭ ހުރިހާ މީހުންނަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ. އަޅުގަނޑުމެންގެ އުންމީދަކީ ވިހާވެސް އަވަހަކަށް ހިރިޒިލް ރަޖިސްޓަރީވުން، އަދި ރަށާއި، އަތޮޅަށް ވީއެންމެ ގިނައިން ޚިދުމަތް ކޮށްދިނުން" ހިރިޒިލްގެ އެއް ފައުންޑަރ، އަޙްސަން "ތިލަދުން" އަށް ބުންޏެވެ.
ހިރިޒިލް އިތުރަށް ފުޅާކޮށް، ކަނބަލުންނަށް ވެސް ހަމަހަމަ ފުރުޞަތެއް ފަހިކޮށްދޭ ޓީމަކަށް ހެދުމުގެ ގޮތުން މި އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ވަނީ ހިރިޒިލް ކަނބަލުންގެ ގޮފި އުފައްދާފައެވެ.
އާބާދީގައި 566 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީގައި ތިބި ހިރިމަރަދޫއަށް ހިރިޒިލްގެ މި ޚިދުމަތްތަށް ދިނުމުގައި ދެމި ތިބޭނެ ކަން ހިރިޒިލްއިން މިވަނީ ސާބިތު ކޮށްދީފައެވެ. އެ ޓީމްގެ އުއްމީދަކީ ކުރިމަގުގައި އެޓީމްގެ އެހީތެރިކަން ހދ. އަތޮޅުގެ އެހެން ރަށްތަކަށް ވެސް ފޯރުކޮށް ދެވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!