ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުކަމަށް އދ.ން ކަނޑައަޅާފައިވާ 'މަންޑޭލާ ރޫލްސް' ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކޮށްފިއެވެ.
މިއަދު ޝާޢިއު ކުރި "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ޤައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ޤައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ޤައިދީން ބައިތިއްބަންޖެހޭނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.
ސަތޭކަ ބާވީސް ޤާޢިދާގެ މައްޗަށް އެކުލެވޭ މި 'މަންޑޭލާ ރޫލްސް'ގައި، ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވާހަކަވެސް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އަންނައުނު ފޯރުކޮށްދިނުމާއި، ކެއިންބުންފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެގޮތްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ ގޮތާއި، ޞިއްޙީ ޚިދުމަތްތައް ލިބިދެވޭނެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ. ގޮޅިތައް ބަލާ ފާސްކުރުމާއި، ޤައިދީންނާ މުޢާމަލާތްކުރުމުގެ ހަމަތައްވެސް މަންޑޭލާ ރޫލްސްގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގައިވެސް އަމަލުކުރާ އެންމެ ދަށްމިންގަނޑަކީ މަންޑޭލާ ރޫލްސްކަމުގައި ހެދުމަކީ މިސަރުކާރުގެ މުހިއްމު ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް އެކަން ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާން ވިދާޅުވެފައިވަނީ ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ ސިޔާސީ ހައްޤުތަކާއި، އިންސާނީ ކަރާމާތް ނަގާލުމަކީ ޤަބޫލުކުރައްވާކަމެއް ނޫންކަމަށެވެ.
ޖަލުތަކުގައި ހުންނަންވާ ކަމަށް އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ފުރަތަމަ ފަހަރަށް އެކުލަވާލީ 1957 ވަނަ އަހަރު އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ޤަރާރަކުންނެވެ. ނަމަވެސް ޒަމާނާ ގުޅޭގޮތަށް އެ މިންގަނޑު ރިވައިސްކުރުމަށްފަހު މަންޑޭލާ ރޫލްސްގެ ނަމުގައި އެމިންގަނޑު އދ ގެ އާންމު މަޖިލީހުން އެޑަޕްޓް ކޮށްފައިވަނީ 17 ޑިސެމްބަރ 2015 ގައެވެ. އދ ގެ، މަސްތުވާތަކެއްޗާއި ރާވައިގެންހިންގާ ބޮޑެތި ކުށްތަކާ ގުޅޭ އޮފީސް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަކީ މަންޑޭލާ ރޫލްސް އާ ގުޅޭ ކަންކަމަށް ޒިންމާވާ އދ ގެ އޮފީހެވެ.
"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅުނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ، އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގެ "އެޕާތައިޑް" ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 ދިގު އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އިރު، މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށް ލިޔެފައިވެއެވެ.
ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ޔޫއެންއޯޑީސީ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!