ޝަރީޢަތް ކުރުމުގެ ހުނަރު ނެތްނަމަ އެޝަރީޢަތުން ފެންނާނެ އުނިކަން ގިނަވާނެކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ފާޑު ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް ހެކިބަސް ނެގުމުގެ ތެރޭގައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ކޮށް، ޒުވާބަކަށް ވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލަ ބައްލަވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ލިޔުއްވީ "މިއަދު މި ފެނުނީ މުއްތަހަމު އާއި ހެކިވެރިޔާއާ ދެމެ ޖަދަލު ކުރެވިގެން ދިޔަތަން" ކަމަށާއި އަދި މައްސަލަ ބެއްލެވި ފަނޑިިޔާރަށް އިޝާރާތްކުރައްވާ ވިދާޅުވީ، "ފަނޑިޔާރުންގެ ހުނަރުވެރިކަމަކީ އެފަނޑިޔާރެއްގެ ކިބައިގައި ހުންނަޖެހޭ ޖުޑީޝަލް ސްކިލް ހުރުން" ކަމަށެވެ.
އަދި ޝަރީޢަތް ކުރުމުގެ ހުނަރު ނެތްނަމަ އެޝަރީޢަތުން ފެންނާނެ އުނިކަން ގިނަވާނެ ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.
ފާއިޒު އިތުރަށް ވިދާޅުވީ ކުރީގައި އޮންނަގޮތުން ފަނޑިޔާރު ހުވާކުރުމަށްފަހު ހަމަސްފަހުން ނޫނީ ޝަރީޢަތްކުރާ ގޮނޑީގައި އިށީނުމުގެ ފުރުޞަތެއް ނުއޮންނާނެވެ.
"ޤާޟީކަމުގެ ހުވާ ކުރުމަށްފަހު ދަސްކުރާ ޤާޟީ އެއްގޮތުގައި ހަމަސް ފުރިހަމަ ކުރަންޖެހެއެވެ. މިމުއްދަތުގައި މަސައްކަތް ކުރަންޖެހެނީ ދުވަސްވީ ތަޖުރިބާކާރު ޤާޟީނާއެކުއެވެ. ޝަރީޢަތް ކުރުމުގެ ހުނަރު ދަސްކުރުމުގެ ގޮތުންނެވެ. ބައެއް ފަހަރު ބޭރަށް ފޮނުވައިގެން އެހުނަރު ދަސްކޮށްދީފައި އެބަހުއްޓެވެ."
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ފާއިޒް ވިދާޅުވީ "ހަމަސް ދުވަހުގެ މުއްދަތު، ތިންމަހަށް ބަދަލުވެގެން ގޮސް، އެންމެ ފަހުން ވޭތިވެދިޔަ ފަސްއަހަރު ފެނިގެން ދިޔައީ އެއްވެސްކަހަަލަ ތަމްރީނެއްނެތި، ހުވައިކުރިގޮތަށް ޝާޢަތްކުރާ ގޮނޑީގައި އިށީންތަން" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!