ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓު ކައުންސިލުތަކަށް ހާއްސަކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭ ހުރަވީ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި، ދައުލަތުގެ އާމްދަނީގެ %5 ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެކަމަށާއި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ %40 ކައުންސިލްތަކަށް ދޫކޮށްލެވޭނެކަމަށެވެ.

Ad
rt

މީގެ އިތުރުން މި އިސްލާހުގައި މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ %100 ކައުންސިލްތަކަށް ދޫކޮށްލެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް. އަދި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމަށް އެ އިސްލާހުތައް ހުށަހެޅޭނެކަމަށާއި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް ހުށަހަޅާނީ މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުންވެސް ދޭ ހިޔާލުތަކާ އެކުގައި ކަމަށެވެ.