ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ކޯވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ބެލިބެލުމަށް އެ ހޮސްޕިޓަލުން ހަދާ ކޯވިޑް ޓެސްޓަށް 100 ޕަސެންޓުގެ ސްކޯއެއް ލިބިއްޖެއެވެ.

އައިޖީއެމްއެޗުގައި ހަދާ ކޯވިޑް-19 ޓެސްޓަށް ޑަބްލިއުއެޗްއޯއިން 100 ޕަސެންޓް ސްކޯއެއް ދިނީ އެ ހޮސްޕިޓަލްގައި ކޯވިޑަށް ޓެސްޓުކުރުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާގެ އެކްސްޓާނަލް ކޮލެޓީ އެޝުއަރެންސް ޕެނަލް އިން ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ދިމާކުރުމުންނެވެ.

Ad
rt

އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ކޯވިޑް-19 ޓެސްޓުގެ ފެންވަރު ބަލަން ޑަބްލިއުއެޗްއޯގެ ކޮލިޓީ އެޝުއަރަންސް ޕްރޮގްރާމުން އެ ހޮސްޕިޓަލަށް ފޮނުވި ސާމްޕަލްތަކުގެ ރަނގަޅު ނަތީޖާ ހޮސްޕިޓަލުގެ ޓެސްޓުން ހޯދިފައިވާ ކަމަށެވެ. އައިޖީއެމްއެޗްއިން ހަދާ ކޯވިޑް ޓެސްޓަކީ ބައިނަލްއަގުވާމީ ގޮތުންވެސް ފެންވަރު ރަނގަޅު ޓެސްޓެއް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޯވިޑް-19 އަށް ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ ވެސް އައިޖީއެމްއެޗުގައި، މިދިޔަ ފެބްރުއަރީ 29 ގައި އެވެ. އޭގެ ކުރިން ކޯވިޑް ޓެސްޓްތަކުގެ ސާމްޕަލްތައް ފޮނުވަމުން ދިޔައީ އިންޑިއާއަށެވެ.

އައިޖީއެމްއެޗުގެ އިތުރުން ފުލުހުންގެ ފޮރެންސިކް ލެބުންނާއި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭ އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ވެސް މިހާރު އަންނަނީ ކޯވިޑަށް ޓެސްޓު ކުރަމުންނެވެ.

މާލެ ފިޔަވައި އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވި އުތުރުގެ ސަރަޙައްދުގައި އަދި މި ޓެސްޓު ކުރަން ފަށާފައި ނުވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.