މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި ހަދަން އުޅުނު 100 އެނދުގެ ހޮޓަލާ ގުޅޭ ކަންކަމަށް ކުރި ހަރަދު ދެނެގަތުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
މި ހޮޓާ ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރީ ފެބްރުއަރީ 27، 2007 ގަ އެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެންމެ ފަހުން ޖުލައި 21، 2015 ގައި ވަނީ އެ އެގްރީމެންޓް އުވާލައިފަ އެވެ. އެމްޓީޑީސީން އުލިގަމުގައި ތަރައްގީ ކުރަން އުޅުނު ހޮޓަލަށް 16.5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އޭރު ލަފާކުރި އެވެ. މަސައްކަތް ހުއްޓާލި އިރު އެމްޓީޑީސީން ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު ހޭދަކުރި ކަމަށް ވެ އެވެ. އުލިގަމުން އެމްޓީޑީސީއަށް 36 ހެކްޓަރުގެ ބިން، ޓޫރިޒަމްގެ ތަރައްގީއަށް ދޫކުރި އެވެ.
އުލިގަމުގައި ތަރައްޤީ ކުރަން އުޅުނު ހޮޓާ އެޅުން ހުއްޓާލި އިރު، ނަމޫނާ އެއް ކޮޓަރި އާއި މުވައްޒަފުންގެ އެކޮމޮޑޭޝަނަށް ބޭނުންވާ ބައެއް އިމާރާތްތައް ހެދުން ފިޔަވައި އިތުރު މަސަައްކަތެއް ކުރިއަކަށް ނުގެންދެ އެވެ.
އެމްޓީޑީސީން އުލިގަމަށް ކުރި ހަރަދު ދެނެގަތުމަށް، ކުއަންޓިޓީ ސާވެޔަރެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެމްޓީޑީސީއަަކީ ޓޫރިޒަމްގެ މަންފާ އާންމު ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ އެންމެ 1.5 މިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!