ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކުން ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ހައްޖުގެ އަޅުކަން ނިންމާފައި އެނބުރި އަންނައިރު ބަލި ނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީންނާއި، އާއިލާއިން ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެޗްޕީއޭ އިން އިތުރަށް ބުނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުދަނގޫވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެ ކަމަށެވެ. އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރަން ސަމާލުކަން ބަހައްޓަން ޖެހޭ ކަމަށާއި ރޯގާ ޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ބަލިބޮޑު ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވަނީ ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައްވެސް ހިއްސާ ކޮށްފައެވެ.
ބަލިން ރައްކާތެރި ވުމަށާއި ބަލިން އަރައިގަތުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް
@MoH_mv @MVIaffairs@psmnewsmv @Mihaarunews @Raajje_tv @VTVvmedia @raajjemv @Ch13official @Sangu_tv @sunbrk @avasmv @VaguthuOnline @Miadhu_News @vaavu @vtvmaldives @avasmv pic.twitter.com/5rUEstoQrJ— Health Protection Agency (@HPA_MV) August 18, 2019
ހުން އައިސް އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކުރެވިދާނެ ކަންތައްތައް
- ގިނަ ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން
- އަރާމުކުރުން
- ކަޅު ސައި، ލުނބޯ، އިނގިރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަ ނަމަ ގައިގައި ފެން ހޭކުން
- ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރުގެ މަޝްވަރާއާއި ނުލާ ނުނެގުން
ހައްޖުގެ މޫސުމުން އަންނަ ބަލިތަކުގެ އިތުރަށް ބޭރަށް ހިންގުމާއި ހޮޑުލުން ވެސް މި ދުވަސްވަރު އިތުރުވަމުން ދާތީ އެކަމަށް ސަމާލުވާން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ގްރޫޕްތަކުގެ ތެރެއިން އެންމެ ފުރަތަމަ ގްރޫޕް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މިއަދު ހަވީރު ރާއްޖެ އައީ ތަޒްކިޔާ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 44 މީހުންނެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 2000 މީހުންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!