ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކައަކީ ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ދޮންވެލި ޗާލު ގޮނޑުދޮއްތަކާއި ފެހި ނަލަ ޖަންގަލިތަކުގެ ވާހަކަ އަބަދުވެސް ދެކެވެ. ނަމަވެސް މިޗާލުކަން ދެމި އޮންނާނީ އަޅުގަނޑުމެންގެ ބައެއް ކަންކަން އިސްލާޙްކޮށްގެނެއެވެ. މިގޮތުން މިފަދަ ތަންތަނަށް ކުނި އެޅުމަކީ މިހާރު ދިމާވެފައިވާ އަދި ޙައްލުކަން ޖެހިފައިވާ މައްސަލައެކެވެ.
ކުނި އެޅުން މައްސަލައަކަށްވަނީ ކީއްވެ؟
ކުނިއެޅުން މައްސަލައަކަށްވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ސަބަބުތަކަށް ނުބަލާ، މަދު ސަބަބަކަށް ބަލާ ލަމާ ހިނގާށެވެ. މިސާލަކަށް ވަށަފަރު ފަޅުތެރޭގައި އޮންނަ ކަނޑާލި ފިނޮޅާއި ބީނާފުއްޓަކީ ޤުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ދެރަށެވެ. ކެލާ، ވަށަފަރު، ފިއްލަދޫ، ދިއްދޫ، މުރައިދޫ، އުތީމު އަދި ހއ، ހދ ގެ ގިނަ ރަށްރަށުގެ މީހުން ޕިކްނިކް ހަދާލަންދާ ރަށެކެވެ. ނުވިތާކަށް ކައިރި ރަށްރަށުގެ ގެސްޓް ހައުސްތަކުގެ މީހުންވެސް ހިތްހަމަ ޖައްސާލަން ދާ ރަށެކެވެ. ނަމަވެސް އެރަށުގެ މަލަމަތި ދުވަސް ދުވަސް ކޮޅުން އޮންނަނީ ކުނިން ފުރާލާފައެވެ. އެރަށަށް ދާ މީހުން އުފައްދާ، އަދި ގެންދާ ކުންޏެވެ.
މިކަމުގެ ސަބަބުން އެތަނަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންގެ އިތުރުން، ބައެއް ދިވެހިންވެސް ރަށްމަތިން ފޫހިވެއެވެ. އަދި މޫދަށާއި އެތަން މިތަނަށް ކުނި އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތައް މަރުވެ، ރަށުގެ ޤުދުރަތީ ރީތިކަން ގެއްލެއެވެ.
ހައްލު ކުރުމަށް މަސައްކަތެއް ކުރޭ؟
ކަނޑާލި ފިނޮޅާއި ބީނާފުށި ސާފުކޮށް ބޭއްވުމުގައި ހަމައެކަނި ދައުރެއް އަދާކޮށްފައިވަނީ އަމިއްލަ ގްރޫޕަކުން އިސްނަގައިގެންނެވެ. ހއ އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ މި ގްރޫޕް އިން ބުނެފައިވަނީ މި ދެރަށަކީ ވަރުވާއަށް ދޫކޮށްފައިވާ ދެރަށް ކަމަށާއި ނަމަވެސް ރަށް ބަލަހައްޓާނެ ބަޔަކު ނެތް ކަމަށެވެ.
"މި ދެ ރަށަކީ އުސޫލެއްގެ ގޮތުން ބަލާއިރު، ވަރުވާއަށް ލިޔެފައި އޮތް ދެރަށް. ބަލަހައްޓާނެ ބަޔަކު ، އެތަން ސާފުތާހިރުކޮށް. އެކި ފަހަރުމަތިން އެރަަށް ގްރޫޕް ގޮވައިގެން ގޮސް، އެތަން ސާފުކޮށް ނަލަކޮށް ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު. އަދި މިފަހަރުވެސް ދެ ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި ނައްތާލެވުނު." އެ ގްރޫޕް ގައި އިސްކޮށް ހަރަކާތްތެރިވާ، ވަށަފަރު އިންގެ ސީއީއޯ ހަސަން ޝާކިރު ބުންޏެވެ.
ހަސަން އިތުރަށް ބުނެފައިވަނީ އެރަށުގައި ހުންނަ ކުންޏަކީ އެރަށަށް ދަތުރު ކުރާ ފަރާތްތަކުން އަޅާ ކުނި ކަމަށާއި މިގޮތަށް މިކަން ނުކުރުމަށް އެދޭ ކަމަށެވެ.
"އާއްމު ގޮތެއްގައި މިސަރަހައްދުގެ ވަރަށް ގިނަ ބަޔަކު ދަތުރު ކުރުމަށް ބޭނުން ކުރަމުންދާ އެރަށް މިއީ. އަނެއްކާ އެހާމެ ނަލަ، ރީތިރަށް އެއީ، ވަށަފަރު ފަރުގަ ހިމެނޭ ގޮތަށް އޮންނަ ދެ ރަށް އެއީ. ދެން އާއްމު ގޮތެއްގައި ކޮންމެ ބަޔަކުވެސް ހަދާ ގޮތަކީ ކޮންމެ ފަހަރަކުވެސް އެރަށަށް ގޮސްފައި، އެރަކަށް ގެންދާ ކުންޏެއް ހަމަ އެތަނަކަށް އަޅާލާފައި ދިއުމުގެ އާދަ މިހާތަނަށް މިއޮތީ" ހަސަން ބުންޏެވެ.
ކުނި ނައްތާލުމުގައި ދަތި ތަކެއް!
ހަސަން ބުނެފައިވަނީ ކުނި ނައްތާލުމުގައި މިހާރު ދަތި ކަމެއް އެބަހުރި ކަމަށާއި މިހާރު އެތަނުގައި އުފެދޭ ކުނި ނައްތާލަކީ އަންދައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅު ގޮތަކަށް ކުނި ނައްތާލެވޭނެ އިންތިޒާމެއް ހޯދައިދީފިއްޔާ އެގޮތަށް ކުރާނަން. މިވަގުތަށް ކުރެވެން އޮތް ގޮތަށް މިކުރަނީ." ހަސަން ބުންޏެވެ.
ކަނޑާލި ފިނޮޅާއި ބީނާފުށީގައި ކުނީގެ މައްސަލަ އިތުރަވަމުންދާއިރު، މިކަމަށް ހައްލެއް ގެނައުމަށްޓަކައި ކުރެވޭނެ ގިނަ ކަންތައްކެއް އެބަހުއްތެވެ. މިގޮތުން ހަސަންގެ ޓީމުން އެދެރަށުގެ މެދުގައި ކުނި އަޅާނެ ތާންގީއެއް ބަހައްޓާފައިވާއިރު، އެތަނަށް ކުނި އެޅުމަކީ އެއްހަލެވެ. ނުވަތަ ގެނައި ކުނި އަނބުރާ ރަށަށް ދާއިރު ގެންދިއުމަކީ ދެވަނަ ހައްލެވެ. އެބަޔެއްގެ ފަރުދީ ޒިންމާ އެބަޔަކު އަދާކުރާނަމަ މިގައުމުގައި ވަރަށް ގިނަކަންކަން ހައްލުވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!