މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައި އޮތް ބުރިޖު ނިންމީ މިސަރުކާރުން ކަމަށާއި މިދިޔަ ސަރުކާރުން ނިންމި އެއްވެސް ޕްރޮޖެކްޓެއް ނެތްކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ގެއްލުންވާ ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުގައި އެއްވެސް ޕްރޮޖެކްޓެއް ނިމިފައި ނެތްކަމަށެވެ.

Ad
rt

އެގޮތުން ސިނަމާލޭ ބްރިޖް ނިންމަން ޖެހުނީ މިސަރުކާރުން ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ބުރި ބޭނުން ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކަށް އަމާޒުކޮށް ވިދާޅުވީ އެ ފްލެޓްގައި ނިދަން ޖެހޭނީ ކޮޅަށް ތިބެގެން ކަމަށެވެ.

"ދެން އެހުރީ ކޮތަރުކޮށި. އެތަނުގެ ދަރަނި އިންތިހާއަށް ބޮޑު. އެކަމާ އަޅުގަނޑުމެން އުޅެން މިޖެހެނީ. އެގާރަ ހާސް ރުފިޔާ ކުލިދައްކައިގެން ކިހިނެތް އެކޮށިގައި އުޅެނީ"

ވައިކަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ޒިޔާދު ވަނީ ނިމި ދިޔަ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުން ކޮށްފައިވާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރަށް ކަންތައްތައް ރަނގަޅު ނުކުރެވިގެން އުޅެނީ ނިމި ދިޔަ ސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތުން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުން ކުރަން ޖެހުނު ކަމަކީ ޞަދަގާތު ފައުންޑޭޝަން ހިންގުން ކަމަށެވެ.

"މިދިޔަ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުން ކުރަން ޖެހުނު ކަމަކީ ޞަދަގާތު ފައުންޑޭޝަން ހިންގުން. އެކަން އެނގިގެން އެބަދޭ ނޫންތޯ އެޗްޑީސީގެ ޑީއެމްޑީ ރާއްޖޭގައި ވެސް ނެތް. ވީތަނެއް ވެސް ނޭނގޭ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ހަ ރުފިޔާ އަށް އެސްޓީއޯ އިން ވިއްކާ ތެޔޮ ގަނެގެން ކުންފުނިތަކުން ފެނަކަ އަށް 28 ރުފިޔާ އަށް ވިއްކާފައިވާ ކަމަށާއި މިސަރުކާރަށް ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ އެހެންވެގެން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ކުރީ ސަރުކާރުގެ ވާހަކަ ދައްކާކަށް. އެކަމަކު ނުދައްކާ ކީއްތޯ ކުރާނީ؟ މިސްކިތަކަށް އެރިޔަސް އަޅުގަނޑު ހިތައް އަރަނީ މިއީ މޯލްޑިވް ގޭސް އިން ހަދާފައިވާ މިސްކިތެކޭ. މިހާލަތުގައި އޭރު ކަންތައްތައް އޮތީ." ޒިޔާދު ވިދާޅުވިއެވެ.

ބުރިޖު ނިންމީ މިސަރުކާރުން ކަމަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވިއިރު ބުރިޖު ރަސްމީކޮށް ހުޅުވީ 2018 އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވީ އޭގެ ދެމަސް ފަހުން 2018 ނޮވެމްބަރ 17 ގައެވެ.