އަފްޣާނިސްތާނުގެ ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ޙަފްލާއަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާހުއްދީން ރައްބާނީއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެކަން ކުށްވެރިކޮށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ، އެ ހަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމަޔާއެކުގައި ކަމަށާއި، ރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ ފިނޑި އަމަލުތަކާއި، ކުށެއް ނެތް މީހުންނާއި ދެކޮޅަށް ދެވޭ ހުރިހާ ބާވަތެއްގެ ޙަމަލާތައް ކުށްވެރިކުރާކަމަށެވެ.
އަދި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކޮށް، ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ދެއްވިއެވެ. އަދި ޓެރަރިސްޓް ހަމަލާގައި 63 މީހަކު މަރުވެ، 180 އަށްވުރެ ގިނަ މީހުން ޒަޚަމްވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!