ފެތުރެމުންދާ ކޯވިޑް-19 އަށް ނ. މަނަދޫ މީހަކު ޕޮޒިޓިވުވެއްޖެއެވެ.

ކޯވިޑް-19 ބަލި މީހުން ރާއްޖޭގެ އަތޮޅުތަކުން ފެންނަން ފަށާފައިވާއިރު، ނ. މަނަދޫ މީހަކު އެބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލިވެގެން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދިނުމުގެ ތެރޭގައި ހެދި ކޯވިޑް ޓެސްޓަށް ޕޮޒިޓިވް ވުމުން ކަމަށް އެރަށުން "ތިލަދުން"އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

Ad
rt

މަނަދޫއިން ކޯވިޑަށް ޕޮޒިޓިވްވީ އުމުރުން ދުވަސްވެ، ބަލިވެ އުޅޭތީ ގޭން ބޭރަށްވެސް ނުނިކުމެވޭ އަންހެނެއް ކަމަށާއި، އެ މީހާއަށް ކާން އުނދަގޫވުމުން އެ ރަށުގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދޮޅު ދުވަހު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލްގައި އޮތްކަމަށްވެސް އޭނާ ބުންޏެވެ.

އެމީހާ އެމެޖެންސީގައި މާލެ ގެނައުމަށް މަނަދޫން ފުރީ ރޭ 8 ޖަހާކަށް ހާއިރު ކަމަށާއި، މާލެ ގެނެސް އައިޖީއެމްއެޗް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު އެމީހާ ދޫކޮށްލީ މިއަދު ހަވީރު 4 ޖަހާކަށް ހާއިރު ކަމަށް މި ނޫހަށް މަޢުލޫމާތު ދިން މީހާ ކިޔައިދީފައިވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އަންހެން މީހާ ޕޮޒިޓިވްވެއްޖެ ކަމަށް ގުޅާފައި އެންގީ ހޮސްޕިޓަލުން ދޫކޮށްލައި، ރޫމަށް އެ މީހާ ގޮވައިގެން ދިޔަ ފަހުން ކަމަށެވެ.

އެ އަންހެން މީހާއަކީ މީގެ ހަތަރުވަރަކަށް މަސް ކުރިން ފައިގެ އޮޕަރޭޝަނެއްކޮށްފައިވާ މީހެއްކަމަށާއި، އެމީހާ ފައިގެ އޮޕަރޭޝަން ކުރިތަނުގެ ރޮދި ކޮށައިގެން ރަށަށްއައީ މާރިޗް 30 ގައި ކަމަށްވެސް އޭނާ ކިޔައިދިނެވެ.

އޭޕްރިލް 14 ވަނަ ދުވަހު މާލެއިން އެ އަންހެންމީހާގެ ގެޔަށް، އެ އަންހެން މީހާގެ މާމަ ދަރިޔަކާއި، ދަނބި ދަރިއެއް އައިސްފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު މަނަދޫ މޮނިޓަރިންގ ހާލަތަށް ލާފައި ވާ ކަން އެރަށަށް ވަނީ އަންގާފައެވެ.

މިއަދު ވަނީ ހއ. ތަކަންދޫންވެސް 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުން ހއ. އުލިގަމު މީހަކާއި، ށ. މިލަންދޫ މީހަކާއި އަދި ށ. ނަރުދޫން 8 މީހުން ޕޮޒިޓިވް ވެފައެވެ. ކ. ތުލުސްދޫންވެސް ވަނީ ބިދޭސީއަށް މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 475 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.