ބަންގްލަދޭޝްއިން ދިވެހި ރާއްޖެއަށް ހަދިޔާކުރާ 100 ޓަނުގެ ހިލޭ އެހީގެ ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެ އައުމަށް މިއަދު ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް ކަމަށް ފޮރިން މިނިސްޓްރީން އިން ބުނެއެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނޭ
ފޮރިން މިނިސްޓްރީން މަޢުލޫމާތު ހިއްސާ ކުރަމުން ބުނެފައި ވެއެވެ.
#Bangladesh @theBDnavy sending emergency medical and safety equipment to the #Maldives as gesture of friendship during #Covid_19 @isprbd @MDVinBGD @MoFA_Bangladesh @AKAbdulMomen pic.twitter.com/wVupcWiKyf
— MUKTADIR rashid ROMEO (@muktadirnewage) April 15, 2020
މީގެ އިތުރުން ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާނެކަމަށާއި މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރާނެކަމަށް ބުނެފައިވެއެވެ.
ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ ގޮތުންނާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ 2 ފަހަރެއްގެ މަތިން އެޤައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގުޅުއްވައި މަޝްވަރާކުރައްވާފައިވެއެވެ.
މިފަދަ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން ފޯރުކޮށްދޭ މި އެހީތެރިކަމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!