އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން، ޑެންމާކުގެ އެޗްބީ ކޯގޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރިއިރު، މެންޗެސްޓާ ސިޓީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. އަދި ޔުވެންޓަސް ވަނީ އެ ޓީމު ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ޑެންމާކުގައި މި ނަތީޖާ ނެރެފައި މިވަނީ، ލަންޑަނުގައި ބޭއްވި ބެލޮންޑިއޯ ހަފުލާގައި އެންމެ މޮޅު އަންހެން ކްލަބުގެ އެވޯޑު އެ ޓީމަށް ލިބުނު ހަފުތާގަ އެވެ. ކޯގޭ ކޮޅަށް ބާސެލޯނާގެ ހަތް ކުޅުންތެރިއަކު ގޯލު ޖެހި ނަމަވެސް، ތިން ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އައިޓާނާ ބޮންމާޓީ މި މެޗުގައި ގޯލެއް ޖަހާފައެއް ނުވެ އެވެ.
މިއީ މި މުބާރާތުގައި މިހާތަނަށް ބާސާއިން ހޯދި އެންމެ ބޮޑު މޮޅެވެ. އެ ޓީމުން މުބާރާތް ފެށީ އަމިއްލަ ދަނޑުގައި ޕެރިސް އެފްސީ އަތުން 5-2 އިން މޮޅުވެގެންނެވެ. އަދި ދެވަނަ މެޗުގައި ރޯމާ ކޮޅަށް ވަނީ ހަ ގޯލު ޖަހައި، 6-0 އިން މޮޅުވެފަ އެވެ. މި ނަތީޖާތަކާއެކު، 18 ޓީމު ވާދަކުރާ ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ޖެހިޖެހިގެން ތިން މެޗުން މޮޅުވި ހަމައެކަނި ޓީމުގެ ގޮތުގަ އެވެ.
އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ސިޓީން ލީޑު ނެގީ މެޗުގެ 85 ވަނަ މިނެޓުގަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ތަރި ސްޓްރައިކަރު ބަނީ ޝޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް ސިޓީއަށް އެ ލީޑު ހިފަހައްޓައިލެވުނީ އެންމެ ތިން މިނެޓު ވަންދެނެވެ. ޕީއެސްޖީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތާރާ އެލިމްބީ ގިލްބަޓް ވަނީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، އެ ޓީމުގެ ކީޕަރު އޔާކާ ޔަމަޝީތާގެ ފައި ދޭތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އޮސްޓްރިއާ ވިއެނާގެ މައްޗަށް 4-1 އިން ކުރިހޯދައި ޔުވެންޓަސް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފަ އެވެ. އަދި ޕެރިސް އެފްސީ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ލަނޑު ޖަހައިގެން ހެކެން ވަނީ 1-1 އިން އެއްވަރުކޮށް، ތާވަލުގެ އެންމެ ފުލަށް ވެއްޓުމުން ސަލާމަތްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!