ހއ. އުތީމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.

މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރާ މިސްކިތެކެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް އަދި ތަރިކައާ ގުޅޭ ގޮތަށެވެ. އަދި ނާޡިމް އުތީމަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެމަނިކުފާނުގެ ޢާއިލާގެ ފަރާތުން އެ ރަށުގައި ބިނާކޮށްދެއްވުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ކަނޑައަޅާފައިވާ ބިން ބައްލަވާލައްވާފައެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށުގެ ބަނދަރު ހެދީއްސުރެ ލޭންޑް ޔޫޒް ޕްލޭންގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ބަނދަރު ސަރަޙައްދުގައި އެޅުމަށް ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ފާއިތުވި 11 އަހަރު ދުވަހު މަސައްކަތް ކުރެވުނު ކަމަށެވެ.

ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ނާޡިމްގެ ފަރާތްޕުޅުން އުއްމީދީ ޖަވާބެއް ލިބި، މިސްކިތުގެ ކޮންސެޕްޓް ހަމަޖެހިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށާއި ކައުންސިލަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މި ފުރުޞަތުގައި އުތީމު ކައުންސިލުން ވަނީ ނާޡިމަށާއި އެމަނިކުފާނުގެ ޢާއިލާއަށް ޝުކުރު އަދާކުރައްވާފައެވެ.

އުތީމަކީ ގިނަ ޢަދަދަކަށް މީހުން ޒިޔާރަތްކުރާ ތާރީޚީ ރަށަކަށް ވެފައި، ބަނދަރު ސަރަޙައްދުގައި މިސްކިތެއް ހުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މިވަގުތު އެ ރަށުގައި ހުންނަނީ އާސާރީ ކުޑަ މިސްކިތަކާއި، މީގެ 20 އަހަރު ކުރިން އަޅާފައިވާ މިސްކިތެއްކަންވެސް އޭނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން ރަޝީދު ވިދާޅުވީ، އެ ރަށުގައި ހުރި ދެ މިސްކިތުގެ ތެރެއިން 20 އަހަރުވީ މިސްކިތް ތަޅާލުމަށްފަހު އިސްލާމިކް ސެންޓަރެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އަލަށް އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެން ދިއުން ކަމަށްވެސް ކައުންސިލުން ބުންޏެވެ.