ބްރެޒިލްގެ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ސިއްރިއްޔާތުގައި އެ ގައުމުން ފިލައިގެން އެމެރިކާއަށް ދިއުމަށްފަހު، ބްރެޒިލްގެ އާ ރައީސަކީ އަދި ހައްގުވެރި ވެރިޔަކީ އޭނާ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އަމިއްލައަށް އިއުލާންކޮށްފިއެވެ.
އާއިލާއާއެކު ފްލާވިއޯ އެމެރިކާގެ މިއާމީއަށް އެތެރެވުމާއެކު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް އެމެރިކާގެ ވިސާ ދޭނެކަން ހާމަކޮށްފައެވެ.
ނިމިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއާ ވާދަކޮށް ބަލިވި ނަމަވެސް، ފްލާވިއޯ ވަނީ އެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައި، އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ފުރަތަމަ އާންމުކުރި ސިޓީއެއްގައި އޭނާ ވަނީ "އިންތިހާބުވި ރައީސް"ގެ ގޮތުގައި އަމިއްލަ ނަފްސު ސިފަކޮށްފައެވެ. ނަމަވެސް ފަހުން އެ ޕޯސްޓް ޑިލީޓްކޮށް، އޭނާއަކީ ބްރެޒިލްގެ ހައްގުވެރި "ލީޑަރު" ކަމަށް ބުނެ އަލުން ބަޔާނެއް ނެރުނެވެ.
ފަހުން އާންމުކުރި ބަޔާނުގައި ފްލާވިއޯ ބުނެފައިވަނީ، އޭނާއަށް ވޯޓު ދިން 60 މިލިއަން ރައްޔިތުންނަށާއި މުޅި ބްރެޒިލްގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ، އެ ގައުމުގެ ހަގީގީ ލީޑަރަކީ އޭނާ ކަމަށެވެ. އަދި އިންތިހާބު ފޭރިގަތް ކުށްވެރިންނަކީ އަނިޔާވެރި ވެރިކަމެއް ގާއިމުކޮށްފައިވާ ޖަރީމާ ހިންގާ ޖަމާއަތެއްގެ ބައެއް ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ. ނަމަވެސް ފްލާވިއޯ ނިސްބަތްވާ ޕާޓީން ވަނީ އިންތިހާބުގެ ނަތީޖާ ބަލައިގެންފައެވެ. ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި ބްރެޒިލްގެ އިލެކްޓޯރަލް އޮތޯރިޓީން ވެސް ބުނީ އިންތިހާބު ދިޔައީ ގާނޫނުއަސާސީއާއި ގަވާއިދުތަކާ އެއްގޮތަށް، އިންސާފުވެރިކަމާއެކު ކަމަށެވެ.
ގަލްފްސްޓްރީމް ޖީ400 މަރުކާގެ މަތިންދާބޯޓެއްގައި ފްލާވިއޯ އާއި އޭނާގެ އަނބިކަނބަލުން އަދި ދެ އަންހެން ދަރިން މިއާމީ-އޯޕާ ލޮކާ އެއާޕޯޓަށް ފޭބީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުގައި އެ އާއިލާ ފުރަތަމަ ދިޔައީ އަންގާރަ ދުވަހުގެ ރޭ އާޖެންޓީނާއަށެވެ. އެއަށްފަހު ޕްރައިވެޓް ޖެޓެއްގައި އިކުއެޑޯގެ ގުއަޔަކީލަށް ގޮސް، އެތަނުން ފްލޮރިޑާގެ މިއާމީއަށް ދަތުރުކުރީއެވެ. ބްރެޒިލްގެ ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކޮށްފައި ވީނަމަވެސް، އޭނާ ދަތުރުކުރީ އިޓަލީގެ ރައްޔިތުކަން ވެސް އޮންނާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މާލީ ކުށްތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ޖިނާއީ ތަހުގީގުތަކެއް ކުރިއަށްދާ ފްލާވިއޯ އަތުން ޕާސްޕޯޓް އަތުލަން އެންގީ އޭނާ ގައުމު ދޫކޮށް ދިޔުން ހުއްޓުވުމަށެވެ. ސެނެޓް މެންބަރެއްގެ ގޮތުގައި ހުރުމުން ލިބިދޭ ގާނޫނީ އިމްތިޔާޒު އަންނަ ފެބްރުއަރީ މަހު ނިމުމަކަށް އަންނައިރު، ހޯމަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ބިރުދެއްކުމުގެ ގޮތުން ހިންގާ އަމަލުތަކާ ދެކޮޅަށް ދިފާއުވެ ޕާސްޕޯޓް ހަވާލުކުރާނެ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ހިންގާ ތަހުގީގުތަކަކީ ވާތުފިޔައިގެ ފަނޑިޔާރުން އޭނާގެ އާއިލާއާ ދެކޮޅަށް ހިންގާ ސިޔާސީ ކެމްޕޭނެއް ކަމަށް ވެސް ފްލާވިއޯ ވަނީ ސިފަކޮށްފައެވެ.
ފްލާވިއޯ އެމެރިކާއަށް ދިއުމާ ގުޅިގެން ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަކި އެއްޗެއް ވިދާޅުވާން ދެކޮޅު ހެއްދެވިއެވެ. ނަމަވެސް އެއީ ވަރަށް "އަޖައިބުކުރުވަނިވި އިންތިހާބެއް" ކަމަށް ކުރިން ވިދާޅުވި ވާހަކަފުޅު ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފައެވެ. އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކުރުމުން އެއީ ބަލައިގަންނަން އުނދަގޫ ކަމެއްގެ ގޮތުގައި މީގެ ކުރިން ޓްރަމްޕް ފާހަގަކުރެއްވިއިރު، އިންތިހާބު ކެމްޕޭނުގައި ލޫލާ ވަނީ ބޮލްސޮނާރޯގެ އާއިލާ އަލުން ވެރިކަމަށް ގެނައުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.
މީގެކުރިން ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބަށްފަހު ފްލާވިއޯގެ ބައްޕަ، ކުރީގެ ރައީސް ޖާއިރު ބޮލްސޮނާރޯ ވެސް ފްލޮރިޑާއަށް ވަޑައިގެންނެވި ފަދައިން، ފްލާވިއޯ އެމެރިކާއަށް ދިއުމަކީ އެމެރިކާއާއި ބްރެޒިލްގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް ބެލެވެއެވެ. 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވުމުން ވެރިކަމުގައި ދެމިހުރުމަށް ބަޣާވާތެއް ރޭވި ކަމުގެ ކުށުގައި ޖާއިރު ބޮލްސޮނާރޯ މިހާރު ވެސް ހުންނެވީ ބްރެޒިލްގެ ޖަލެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!