އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު ބޭއްވި ފުރަތަމަ ޢާންމު އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކުރެވޭ ގޮނޑީގެ ޢަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ޢާންމު ވޯޓު ފޮށިތައް ގުނައި ނިމުނުއިރު، 120 ގޮނޑި ހިމެނޭ ކްނެސެޓް (ޕާލަމެންޓް) ގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވާ 61 ގޮނޑި ހަމަކުރުމަށް ދެ ފަރާތުން ކުރެ އެއްވެސް ބަޔަކަށް ކާމިޔާބުވެފައި ނުވާ ކަމަށް ޗެނަލް 12 އިން ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

އާންމު ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު ނަތަންޔާހޫގެ ފެކްޝަނަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 53 ގޮނޑިއެވެ. އޭގެ ތެރެއިން އޭނާގެ ލިކޫޑް ޕާޓީއަށް ލިބޭނީ 26 ގޮނޑި ކަމަށް ލަފާކުރެވޭއިރު، މިއީ 2022 ވަނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓީން ހޯދި 32 ގޮނޑިއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. އިދިކޮޅު ލީޑަރު ގެޑީ އައިޒެންކޮޓް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އިދިކޮޅު ފެކްޝަނަށް 48 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، މުޅިން އަލަށް ވާދަކުރި އައިޒެންކޮޓްގެ "ޔަޝާރް" ޕާޓީން ވަނީ 21 ގޮނޑި ކަށަވަރުކޮށްފައެވެ. އަދި އަލަށް އިންތިޚާބުގައި ވާދަކުރި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ "ބެޔާހަދް" އިއްތިހާދަށް 12 ގޮނޑި ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި އިންތިޚާބުގައި އަރަބި ޕާޓީތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ޖުމްލަ 19 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ލަފާކޮށްފައެވެ. މިއީ 2022 ވަނަ އަހަރު އަރަބި ޕާޓީތަކަށް ލިބުނު 10 ގޮނޑިއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި ޖޮއިންޓް ލިސްޓަށް 12 ގޮނޑި އަދި ރާމް ޕާޓީއަށް 7 ގޮނޑި ލިބޭނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން ޑިމޮކްރެޓްސްއަށް 8 ގޮނޑި، އަވިގްދޯރް ލީބަރމަންގެ ޔިސްރާއީލް ބެއިތެއިނޫއަށް 7 ގޮނޑި، އަދި ޔަހޫދީ ދީނީ ޕާޓީތައް ކަމަށްވާ ޝާސް ޕާޓީއަށް 7 ގޮނޑި އަދި ޔުނައިޓެޑް ތޯރާ ޖުޑާއީޒަމަށް 7 ގޮނޑި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހައްދުފަހަނައެޅި ކަނާތުފިޔައިގެ ޕާޓީތަކަށް ބަލާއިރު، އިތަމާރު ބެން-ގްވީރުގެ އޮތްޒްމާ ޔެހޫދީތަށް 7 ގޮނޑި އަދި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗްގެ ރިލިޖަސް ޒަޔަނިޒަމް-ޒެހުތު އިއްތިހާދަށް ލިބޭނީ 6 ގޮނޑި ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2022 ގައި މި ދެ ޕާޓީ އެކުގައި ވާދަކޮށް ހޯދި 14 ގޮނޑިއަށް ވުރެ އެއް ގޮނޑީގެ ދަށްވުމެކެވެ. މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ 77.7 އިންސައްތައަށް އަރައިފައެވެ. މިއީ 1999 ވަނަ އަހަރަށް ފަހު އެ ޤައުމުގައި ވޯޓުލާން އެންމެ ގިނަ މީހުން ނުކުތް ފަހަރެވެ.

ނަމަވެސް، ރަސްމީ ދާއިރާތަކުން ބޭރުގައި ތިބި ސިފައިންނާއި، ޑިޕްލޮމޭޓުންނާއި، ފުލުހުން އަދި ގެދޮރު ގެއްލިފައިވާ މީހުން ވޯޓުލުމަށް ބޭނުންކުރާ "ޑަބަލް-އެންވެލޮޕް" ނިޒާމުގެ 500،000 އަށް ވުރެ ގިނަ ޚާއްޞަ ވޯޓު އަދި ގުނައި ނުނިމޭތީ، މިހާރު ލަފާކޮށްފައިވާ ނަތީޖާއަށް ބަދަލު އައުން އެކަށީގެންވެއެވެ. ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ކޮންޓްރޯލް ސެންޓަރުގެ ޑިރެކްޓަރު އީލާދު ނާވޭ ވިދާޅުވީ، ޚާއްޞަ ވޯޓުތައް ގުނުމުގެ މަސައްކަތް ބުދަ ދުވަހުގެ އިރުއޮއްސުމާއެކު ފެށިފައިވާ ކަމަށާއި ބުރާސްފަތި ދުވަހުގެ އިރުއޮއްސުމާ ހަމައަށް ނުވަތަ ހުކުރު ދުވަހާ ހަމައަށްވެސް އެ މަސައްކަތް ދިގުދެމިގެން ހިނގައިދާނެ ކަމަށެވެ.

އަރަބި ޕާޓީތަކުން 19 ގޮނޑި ހޯދާނެ ކަމަށް ނަތީޖާތަކުން ދެއްކުމާ ގުޅިގެން ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަނީ އަރަބި ފަރާތްތަކަށް ބަހުގެ ހޫނު ޙަމަލާތަކެއް ދީފައެވެ. ލިކޫޑް ޕާޓީން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވަނީ "އިސްރާއީލުގެ އިންތިޚާބު ވަގަށް ނަގާފައިވަނީ ޓެރަރިޒަމަށް ތާއީދުކުރާ އަދި ޔަހޫދީ ދައުލަތް ނައްތާލުމަށް މަސައްކަތްކުރާ އަރަބި ޕާޓީތަކުން،" ކަމަށެވެ. އަދި އަރަބި އަވަށްތަކުގައި ރިޝްވަތު ދިނުމާއި، ބިރުދެއްކުމާއި، ހަމަނުޖެހުން ހިންގުމާއި، މަކަރުހެދުމުގެ އިތުރުން މަންސޫރު އައްބާސްގެ ރާމް ޕާޓީއަށް ވޯޓު ހޯދުމަށް ފައިސާ އަޅާފައިވާ ސިޓީއުރަތައް ބަހާފައިވާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ. މި އިންތިޚާބުގައި 7.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.