މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އާއި، އެ ރަށު ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ޙައްސާނު ޢަލީ (34އ) އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 2 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި، ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30،000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫއިންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، ޢަލީ ޢައްފާން އަދި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ 2026 އޮގަސްޓު 7 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ބުނެ، މަކަރާއި ހީލަތުން 30،000 ރުފިޔާ އަތުލާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ނ. ހޮޅުދޫއިންނެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފޭސްބުކް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި މި ދެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!