ގުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ކޮންމެ ގޭބިސީއަކުން ވެސް މަދުވެގެން ތިން ދުވަހަށް ފުދޭވަރަށް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ރައްކާކޮށްގެން ތިބުމަށް ޖަޕާނުގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ކާރިސާއެއްގެ ވަގުތުގައި އަމިއްލައަށް ކަންކަން ހަމަޖައްސައިގެން އުޅެވޭނެ މިންވަރަށް ތަކެތި ހަމަކުރުމަށް އަންގާފައިވާއިރު، އެންމެ އެކަށީގެންވާ ލަނޑުދަނޑިއަކީ އެއް ހަފުތާގެ މުއްދަތަށް ބޭނުންވާ ސާމާނު ރައްކާކުރުން ކަމަށްވެސް ރަސްމީ އިރުޝާދުތަކުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން އާންމުކޮށްފައިވާ އިރުޝާދުތަކުގައިވާ ގޮތުން، ކޮންމެ މީހަކަށް ދުވާލަކަށް ތިން ލީޓަރުގެ ބޯފެން ރައްކާކުރަން ޖެހެއެވެ. އެހެންކަމުން ތިން ދުވަހުގެ އަސާސީ މިންގަނޑަށް ބަލާއިރު، އެކަކަށް މަދުވެގެން ނުވަ ލީޓަރުގެ ފެން ރައްކާކޮށްފައި ހުންނަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

Ad
d

ކާބޯތަކެތީގެ ގޮތުގައި ރައްކާކުރަން އިރުޝާދު ދީފައިވަނީ އައިސްއަލަމާރީގައި ބަހައްޓަން ނުޖެހޭ، އަދި ގިނަ ދުވަހަށް ހަލާކުނުވެ ހުންނަ ބާވަތްތަކެވެ. އޭގެ ތެރޭގައި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާއާއި، އިންސްޓަންޓް ބަތާއި، ޕައުޗްތަކުގައި ބަންދުކޮށްފައި ހުންނަ ރެޓޯޓް ކެއުންތަކުގެ އިތުރުން ހިއްކި ކާބޯތަކެތި ހިމެނެއެވެ. މިފަދަ ތަކެތި ހޯދުމުގައި އަގުބޮޑެތި ޚާއްސަ އިމަޖެންސީ ކިޓުތައް ގަތުމުގެ ބަދަލުގައި، ސަރުކާރުން ބާރުއަޅަނީ "ރޯލިން ސްޓޮކް" ނުވަތަ ބިޗިކޫ އުސޫލު އިޚްތިޔާރު ކުރުމަށެވެ. މިއީ ގޭބިސީތަކުގައި އާންމުކޮށް ކައިބޮއި އުޅޭ ކާބޯތަކެތި ކޮންމެވެސް ވަރަކަށް އިތުރަށް ގަނެފައި ބަހައްޓައި، އެންމެ ކުރިން ގަންނަ ތަކެތި ބޭނުންކުރަމުން އަލުން އައު ތަކެތި އިތުރުކުރަމުން ގެންދިއުމުގެ އުސޫލެކެވެ.

ކާބޯތަކެތީގެ އިތުރުން، ސާފުތާހިރުކަމާއި ހަކަތައަށް ބޭނުންވާ މުހިންމު ސާމާނު ވެސް ތައްޔާރުކޮށްފައި ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. އެގޮތުން އެކަކަށް ދުވާލަކު 5 އާއި 6 އާ ދެމެދުގެ އަދަދަކަށް ބޭނުންވާނެ ކަމަށް ބަލައި، ގެންގުޅެން ފަސޭހަ ޕޯޓަބަލް ޓޮއިލެޓް ކޮތަޅާއި ވެޓް ވައިޕްސް ތައްޔާރުކުރުން ހިމެނެއެވެ. އަދި އަތުބައްތިއާއި، ފޯނު ފަދަ ތަކެތި ޗާޖުކުރާނެ ޕޯޓަބަލް ޕަވާ ބޭންކުތަކާއި، އިތުރު ގޭސް ފުޅިއާއެކު ކުދި ޕޯޓަބަލް ގޭސް އުނދުން ރައްކާކުރުމަށް ވެސް ވަނީ އެދިފައެވެ.

މިފަދަ ހަރުދަނާ އިރުޝާދެއް ރައްޔިތުންނަށް ދޭންޖެހުނު މައިގަނޑު ސަބަބަކީ، ޖަޕާނަކީ ބިންހެލުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ގައުމަކަށް ވުމެވެ. މީގެ ތެރޭގައި ނަންކައި ޓްރަފް ސަރަހައްދަށް އަތުވެދާނެ ކަމަށް ބެލެވޭ ބޮޑު ބިންހެލުމާއި، ޓޯކިޔޯ ސިޓީއަށް ކުރިމަތިވެދާނެ ބާރުގަދަ ބިންހެލުމުގެ ނުރައްކާ ހިމެނެއެވެ. މީގެ އިތުރުން ޖަޕާނަށް ކުރިމަތިވާ ބާރުގަދަ ތޫފާންތަކާއި މޫސުމީ ވިއްސާރަތަކަކީ ވެސް މިފަދަ ތައްޔާރީތައް ވާންޖެހޭ ސަބަބުތަކެވެ.

Ad
df

ބޮޑު ކާރިސާއެއް ހިނގައިފިނަމަ، އާންމު އުމްރާނީ ވަސީލަތްތަކާއި، ފެންހޮޅިތަކާއި، ކަރަންޓު ވިއުގަތައް އަލުން މަރާމާތުކޮށް ޚިދުމަތް ދިނުމަށް އެތައް ދުވަހެއް ނަގާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެހެންކަމުން ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ރިލީފް މަސައްކަތްތައް އިންތިޒާމު ކުރެވެންދެން، ކާރިސާއަށް ފަހު ހޭދަވާ ފުރަތަމަ 72 ގަޑިއިރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމަކީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.