އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުކޮށް، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ގެ ލީޑަރު މަންސޫރު އައްބާސް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އާންމު އިންތިހާބަށް ފަހު ނެރުނު އެގްޒިޓް ޕޯލްތަކުން އެއްވެސް ބޮޑު ބްލޮކަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުދައްކާ ދަނޑިވަޅެއްގަ އެވެ.
އިޒްރޭލުގެ ޗެނަލް 12 އަށް ބުދަ ދުވަހުގެ ފަތިހު ދެއްވި އިންޓަވިއުއެއްގައި މަންސޫރު އައްބާސް ވިދާޅުވީ، ރާމް ޕާޓީ އާއި އިދިކޮޅު ބްލޮކް ގުޅިގެން ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑި ހަމަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު ލަފާކުރެވިފައިވާ އަދަދުތަކަށް ބަލާއިރު އެއްވެސް ބަޔަކަށް އެކަނި ސަރުކާރެއް އުފެއްދެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، އަރަބި ނަސްލުގެ މީހުން ގިނަ އަދަދަކަށް ވޯޓުލާން ނުކުތް ނުކުތުމަކީ ކުރިން އޮތް މާޔޫސްކަމާއި ނާއުންމީދު، ބޮޑު އުންމީދަކަށް ބަދަލުވެގެން ދިޔުމުގެ ހެއްކެއް ކަމަށް އައްބާސް ފާހަގަކުރެއްވި އެވެ. އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ކަމަށްވާ ނަފްތާލީ ބެނެޓާއި އަވިގްދޯރް ލީބާމަން، ރާމް ޕާޓީއާ އެކު މަސައްކަތް ކުރަން ދެކޮޅު ހައްދަވާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން އައްބާސް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދާނީ އިންތިހާބަށް ފަހު ކަމަށެވެ.
އިންތިހާބުގެ ލަފާކުރުންތައް އާންމުވުމާ އެކު، އަރަބި އިއްތިހާދު "ޖޮއިންޓް ލިސްޓް" ގެ ސަޕޯޓަރުން ވަނީ ނާޒަރަތުގައި ހުންނަ އެ ޕާޓީގެ މައި މަރުކަޒަށް އެއްވެ އުފާފާޅުކޮށްފަ އެވެ. އެ އެއްވުމުގައި ބައިވެރިވި މީހުން ވަނީ އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވީރަށް މަލާމާތްކޮށް އަޑުއުފުލައިފަ އެވެ. ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބާރީން ވިދާޅުވީ މި ލަފާކުރުންތަކުން ހާމަވަނީ ބަދަލެއް ގެނެވޭ ފަދަ ވަރުގަދަ ބާރެއް ބިނާކުރުމަށް އެ ޕާޓީން ކަނޑައެޅި އަމާޒު ހާސިލުވެފައިވާ ކަމެވެ.
ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރަބި ވޯޓާރުންގެ ތެރެއިން ވޯޓުލާން ނުކުތް ނިސްބަތް ވަނީ 80 އިންސައްތައަށް އަރައިފަ އެވެ. އެ ޗެނަލްގެ އެގްޒިޓް ޕޯލް ދައްކާ ގޮތުން 120 ގޮނޑި ހިމެނޭ ކްނެސެޓް (ޕާލަމެންޓް) އިން އަރަބި ޕާޓީތަކުން ޖުމްލަ 18 ގޮނޑި ކާމިޔާބު ކުރާނެ އެވެ. އަދި ޔާޝާރު ޕާޓީގެ ލީޑަރު ގާދީ އެއިޒެންކޮޓް އިސްކޮށް ހުންނަވާ އިދިކޮޅު ބްލޮކަށް 52 ގޮނޑި ލިބޭނެ ކަމަށް ދައްކާއިރު، ނަތަންޔާހޫގެ ބްލޮކަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 50 ގޮނޑި އެވެ. އެހެންކަމުން ދެ ބްލޮކުން ކުރެ އެއްވެސް ބަޔަކަށް ސަރުކާރެއް އެކުލަވައިލެވޭ ވަރަށް ގޮނޑި ކަށަވަރު ނުވާނެ ކަމަށް ލަފާކުރެވެ އެވެ.
އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ބުނީ މި އިންތިހާބުގައި ޖުމްލަ 77.7 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ. މިއީ 1999 ވަނަ އަހަރަށް ފަހު ވޯޓުލާން އެންމެ ގިނަ އަދަދަކަށް މީހުން ނުކުތް ފަހަރު ކަމަށްވާއިރު، މިއީ 2022 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު 7.1 އިންސައްތައިގެ އިތުރުވުމެކެވެ. އަންގާރަ ދުވަހުގެ ރޭ 10:00 (20:00 ޖީއެމްޓީ) ގައި ވޯޓުލުން ބަންދުކުރުމާ އެކު ރަސްމީކޮށް ވޯޓު ގުނުމުގެ މަސައްކަތް ފަށާފައިވާއިރު، އެގްޒިޓް ޕޯލްތަކަކީ ހަމައެކަނި ލަފާކުރުންތަކެއް ކަމަށާއި އެއީ ރަސްމީ ނަތީޖާ ނޫން ކަމަށް ވަނީ ހަނދާންކޮށްދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!