ޖަޕާނަށް ކުރިމަތިވެފައިވާ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ މަދުވެގެން އެއްލައްކަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު (29 މެއި) ބޭއްވި "ބަންގްލަދޭޝް ސެމިނާ އޮން ހިއުމަން ރިސޯސަސް" ގެ ތެރެއިން ދެ ޤައުމުގެ ކަމާބެހޭ އޮފިޝަލުންނާއި ވިޔަފާރިވެރިންނެވެ.
މި ސެމިނާގައި ވާހަކަދައްކަވަމުން ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރު މުޙައްމަދު ޔޫނުސް ވިދާޅުވީ، ޖަޕާނުން ބަންގްލަދޭޝްގެ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ ޤައުމުގެ އިންތިގާލީ ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި މިއީ ވަރަށް އުފާވެރި އަދި ހިތްވަރު ލިބޭ ދުވަހެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ސަބަބުން ވަޒީފާ އަދާކުރުމުގެ އިތުރުން ޖަޕާން ދަސްކުރުމަށް ވެސް ބަންގްލަދޭޝްގެ ރައްޔިތުންނަށް ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. މީގެއިތުރުން ބަންގްލަދޭޝްގެ 180 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އުމުރުން 27 އަހަރުން ދަށުގެ މީހުންކަމަށް ވުމުން، އެމީހުންނަށް މިފަދަ ފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިވެންޓުގެ ތެރެއިން ދެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ބަންގްލަދޭޝްގެ ބިއުރޯ އޮފް މޭންޕަވާ އެމްޕްލޯއިމަންޓް އެންޑް ޓްރެއިނިންގ (ބީއެމްއީޓީ) އާއި ޖަޕާނާއި ބަންގްލަދޭޝް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ކައިކޮމް ޑްރީމް ސްޓްރީޓް (ކޭޑީއެސް) އާ ދެމެދުގައެވެ. ދެވަނަ އެއްބަސްވުމުގައި ބީއެމްއީޓީއާ އެކު ސޮއިކުރީ 65 އަށްވުރެ ގިނަ ކުންފުނި ހިމެނޭ ޖަޕާނުގެ ވިޔަފާރި ފެޑެރޭޝަނެއް ކަމަށްވާ ނޭޝަނަލް ބިޒްނަސް ސަޕޯޓް ކޮމްބައިންޑް ކޯޕަރޭޓިވްސް (އެންބީސީސީ) އަދި ޖަޕާން ބަންގްލާ ބްރިޖް ރެކްރޫޓިންގ އެޖެންސީ (ޖޭބީބީއާރްއޭ) އެވެ.
އެންބީސީސީގެ ޗެއާމަން މިކިއޯ ކެސަގަޔާމާ ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ އެއްލައްކައަށްވުރެ ގިނަ މަސައްކަތްތެރިންނަށް މަރުޙަބާ ކިޔުމަށް އެ ފެޑެރޭޝަން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެ ފެޑެރޭޝަނުން ބަލަނީ ދެ ޤައުމުގެ ކުރިއެރުމަށް ވެސް ޚިދުމަތްކޮށްދެވޭނެ ފަދަ ހުނަރުވެރި، ޒުވާން މަސައްކަތްތެރިން ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޝިޒުއޯކާ ވޯކްޕްލޭސް އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް ކޯޕަރޭޓިވްގެ ސުޕަވައިޒިންގ އޯގަނައިޒޭޝަންގެ ރެޕްރެޒެންޓޭޓިވް ޑިރެކްޓަރު މިޓްސުރު މަޓްސުޝިޓާ ވިދާޅުވީ ޖަޕާނުގެ ކުންފުނިތަކުގެ ޝައުޤުވެރިކަން ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ބޮޑުވަމުން އަންނަ ކަމަށާއި، އެމީހުންގެ ހުނަރު އިތުރަށް ތަރައްޤީކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތު، ލޭބާ އެންޑް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ނިކީ ހިރޮބުމީ ވިދާޅުވީ، ޖަޕާނުގެ އާބާދީ ދަށަށް ދިއުމުގެ ސަބަބުން ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އެހީތެރިކަން އެ ޤައުމަށް ބޭނުންވާ ކަމަށެވެ. ހަމައެއާއެކު ވަޓާމީ ގްރޫޕުގެ ރައީސް މިކީ ވަޓަނާބޭ ފާހަގަކުރެއްވި ގޮތުގައި، ބަންގްލަދޭޝްގައި ހުންނަ އެ ގްރޫޕުގެ ސްކޫލުން މިހާރު ވެސް އަހަރަކު 1،500 ދަރިވަރުން ތަމްރީނުކުރާއިރު، އެ އަދަދު 3،000 އަށް ދެގުނަ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް ޖަޕާން އިންޓަނޭޝަނަލް ޓްރެއިނީ އެންޑް ސްކިލްޑް ވޯކާ ކޯޕަރޭޝަން އޯގަނައިޒޭޝަން (ޖިޓްކޯ) ގެ ޗެއާމަން ހިރޯއާކީ ޔާގީ ވިދާޅުވީ، ބަންގްލަދޭޝްގައި ޖަޕާން ބަސް ކިޔަވައިދޭ ޓީޗަރުންގެ ދަތިކަން އަދިވެސް އެބައޮތް ކަމަށެވެ.
މި ސެމިނާގައި މަރުޙަބާގެ ބަސް ވިދާޅުވަމުން ބަންގްލަދޭޝްއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދާއޫދު ޢަލީ ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ޖަޕާނުގައި 11 މިލިއަން މަސައްކަތްތެރިންގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެހެންކަމުން މިއީ ޖަޕާނަށް ބޭނުންވާ ފަދަ ތަމްރީނު ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން ފޮނުވުމަށް ބަންގްލަދޭޝްއަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުޞަތެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!