ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރަމަޟާން މަހު ށ. ނަރުދޫގައި ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ދަނޑު ނަގަން ބޭނުންވާ ފަރާތްތަކަށް އެރަށު ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލުން މި ފުރުޞަތު ހުޅުވާލާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބަހާލައިގެންނެވެ.

Ad
d

މިކަމާ ގުޅިގެން ނަރުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި އަހަރުވެސް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ "ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު" ގައިވާ ގޮތުގެމަތިން، މީހުން ދިރިއުޅޭ ގޭގެއަށް ކަމަށެވެ. އެގޮތުން ދަނޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ އެ ގެއެއްގެ ވެރިފަރާތަށް، ނުވަތަ އެ ގެއެއްގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް، ނުވަތަ އެ ގެއެއްގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އެއް ފަރާތަކަށް ނެގޭނީ ގިނަވެގެން އެއް ދަނޑު ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް، ދެ ގެ ނުވަތަ އެއަށްވުރެ ގިނަ ގޭގެއިން ގުޅިގެން އެއްކޮށް ދަނޑު ހައްދަން ބޭނުންވާނަމަ، ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އެއްކޮށް ދަނޑު ނެގުމުގެ ފުރުޞަތު ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ދަނޑު ނެގުމަށް އެދި ހުށަހަޅާއިރު ކޮންމެ ފޯމަކަށް އިދާރީ ފީގެ ގޮތުގައި -/150 ރުފިޔާ ދައްކަންޖެހެއެވެ. އަދި ފީ ޓްރާންސްފަރ ކުރާނަމަ، ފައިސާ ޖަމާކުރަންވާނީ އެ އިދާރާގެ ރެވެނިއު އެކައުންޓް ނަންބަރު 7724700366001 އަށް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދަނޑު ލިބޭ ފަރާތްތަކުން، އެ ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ އެންމެހައި ޒިންމާތައް އުފުލަންޖެހޭނެ ކަމަށްވެސް ކައުންސިލްގެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

Ad
df

ރޯދައަށް ދަނޑު ނެގުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 02 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. މި ފޯމު ރަސްމީ ގަޑީގައި ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ، ފޯމު ލިބުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.