ށ. މާއުނގޫދޫ ބަށި މުބާރާތް 2026 ގައި ބައިވެރިވާ ޓީމުތަކުން ޓީމު ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ގެ އިސްނެގުމާއެކު މާއުނގޫދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ.

Ad
rt

މާއުނގޫދޫ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި، މި މުބާރާތުގެ މަޤްޞަދަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއްގެ ތެރެއިން ކަނބަލުންގެ ކުޅިވަރުގެ ރޫޙު އާލާކޮށް، ރަށު ފެންވަރުގައި މޮޅު ބަށި ކުޅުންތެރިންތަކެއް އުފެއްދުމެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، މެޑަލް އަދި ހަނދާނީލިޔުން ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރއަޕްޓީމަށް ދިނުމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، މެޑަލް އަދި ހަނދާނީ ލިޔުންކަމުގައި އެ ރަށު ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 29 އޮކްޓޫބަރ 2026ވާ ބުރާސްފަތި ދުވަހުގެ 12:00 ކަމަށާއި، ރަޖިސްޓްރީވުމަށް އެ އިދާރާގެ ފޭސްބުކް އެކައުންޓްގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ޓީމު ލިސްޓް ހުށަހަޅާ ފޯމު ވެސް އެ ކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް ލިބޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރ 2026ވާ ބުދަ ދުވަހުއެވެ.