ހއ. ހޯރަފުށީގެ ހަހެތި ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" މިއަހަރު ވެސް ބޭއްވުމަށް ތައްޔާރުވެ، މުބާރާތުގެ ސްޕޮންސަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 އިން 22 އަށެވެ. މިއީ ހއ. އަތޮޅުގައި ބާއްވާ 21 އަހަރުން ދަށުގެ ހަމައެކަނި ފުޓްސަލް މުބާރާތެވެ. މި ފަހަރު ބާއްވަނީ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ 7 ވަނަ މުބާރާތެވެ.
ހޯރަފުށީގެ އިތުރުން ހއ. އަތޮޅުގެ އެހެން ރަށްރަށް ވެސް ބައިވެރިވެގެން ކުރިއަށް ގެންދާ މި މުބާރާތުގައި މީގެ ކުރިން އުލިގަމް، ދިއްދޫ، އިހަވަންދޫ އަދި މޮޅަދޫގެ ޓީމުތައް ބައިވެރިވެފައިވެއެވެ.
މިއީ އެ ސަރަޙައްދުގެ ޒުވާން ކުޅުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާއާއި ޓްރޮފީ އަދި މެޑަލް ދީފައިވާކަން ފާހަގަކުރެވެއެވެ.
މުބާރާތަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ހަހެތި ޖަމްޢިއްޔާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ލިބޭ އެހީތެރިކަމަކީ ޒުވާނުންގެ ހުނަރުތައް ބާރުވެރިކުރުވުމަށާއި، ކުޅިވަރުގެ ރޫޙު އާލާކުރުމަށާއި، އަދި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ. މީގެއިތުރުން، އެހީގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް، ކޮންމެ އެހީތެރިކަމަކީ ވެސް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއްކަން އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތަށް ސްޕޮންސަރ ދޭން ބޭނުންވާ ފަރާތްތަކަށް ހަހެތި ޖަމްޢިއްޔާގެ އެކައުންޓް ނަންބަރު 7770000248522 މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 9723344 (އުސައިދު މޫސާ) އަށް ގުޅުމަށް އެ ޖަމްޢިއްޔާއިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!