ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ޓީމު މާލެ އައުމަށްފަހު، މިހާރު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ގޮސްފައިވާ ކަމަށެވެ. އަދި މި ކޭމްޕުގެ މުއްދަތުގައި އެ ޓީމު މަރުކަޒުވެ ތިބުމަށް ހަމަޖެހިފައިވަނީ ވެސް ގުރައިދޫގައެވެ.

Ad
rt

ފަލަސްޠީނުގެ ޒުވާން ކުޅުންތެރިން ގުރައިދޫއަށް ދިއުމުން އެ ރަށުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން، ޓީމަށް މަރުޙަބާ ކިއުމަށްޓަކައި ރަށުގެ ކުދިބޮޑު އެންމެން ބަނދަރު މައްޗަށް ޖަމާވެފައިވާއިރު، އެ ޒުވާން ޓީމުގެ ޝަރަފުގައި ބޮޑުބެރުގެ ޘަޤާފީ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގުރައިދޫ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ދީލަތި މެހެމާންދާރީއަށާއި، ފަލަސްޠީނު ޓީމަށް ކީ ހޫނު މަރުޙަބާއަށްޓަކައި އެ ރަށުގެ ރައްޔިތުންނަށް އެފްއޭއެމުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި ތަމްރީނު ކޭމްޕުގެ ތެރެއިން ފަލަސްޠީނުގެ ޒުވާން ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެފްއޭއެމުން މަޢުލޫމާތު ދޭ ގޮތުގައި މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އެގޮތުން ފުރަތަމަ މެޗު މި މަހުގެ 30 ވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާއިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.