އީރާނުގެ ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކަށް ވެސް ހީވެސް ނުކުރާ ފަދަ ގޮތަކަށް ރައްދު ދިނުމަށް އެ ޤައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ.
ވަށައިޖެހޭ ފުރިހަމަ ހަނގުރާމައެއްގެ ބިރުދެއްކުމަކުން ނުވަތަ މީހުން މަރައި ނައްތާލުމުގެ އޮޕަރޭޝަންތަކަކުން ވެސް އީރާނުގެ ރައްޔިތުން އެމީހުންގެ ޙައްޤުތަކާއި މަސްލަހަތުތައް ދޫކޮށްލުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަރުލަމާނުގެ ރައީސް ވިދާޅުވީ އެއްވެސް ބޭރުގެ ބާރަކުން އީރާނުގެ މައްޗަށް އެ ބައެއްގެ ބާރާއި ނުފޫޒު ފޯރުވުމަށް ނުވަތަ އެ ޤައުމުން ޚިޔާރުކުރާ ކަންކަމަށް ގޮތް ކިޔުމަށް ތެހެރާނުން ދުވަހަކުވެސް ފުރުޞަތު ނުދޭނެ ކަމަށެވެ.
މީގެއިތުރުން، ކުރިމަތިކުރަމުންދާ އަސްކަރީ ބިރުދެއްކުންތަކުގެ ސަބަބުން އީރާނުން ގެންގުޅޭ ސާބިތު ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމެރިކާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެމެރިކާއިން އެ ޤައުމު ވެފައިވާ ވަޢުދުތަކަށް ޙަޤީޤީ އަދި އަމަލީ ގޮތުން ފެންނަން އޮތް ގޮތެއްގައި އިޙްތިރާމްކޮށް އެއްބަސްވުންތަކާ އެއްގޮތަށް އަމަލުނުކުރާހާ ހިނދަކު، ތެހެރާނުގެ ކުރިމަތީގައި އެމެރިކާއަކީ އެއްވެސް އިތުބާރެއް އޮތް ފަރާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
އެމެރިކާއަށް އީރާނުގެ އިތުބާރު ލިބެން އޮތީ އެ ޤައުމުގެ އުޅުމާއި މިޒާޖު ބަދަލުކޮށް، އެމެރިކާއިން ގެންގުޅޭ އަމިއްލަ އެދުންތަކާއި އަމާޒުތައް އެއްކޮށް ދޫކޮށްލައިގެން ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިހާރު އުފެދިފައިވާ ނުތަނަވަސް ކާރިސާއަކީ އެމެރިކާގެ "ހިސާބުތައް ނުބައިވުމުގެ" ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ތުހުމަތު ކުރައްވަމުން އޭނާ ވިދާޅުވީ، އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް އަމިއްލައަށް ވަދެގަނެ މި ކާރިސާގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި މި މައްސަލައިން އަރައިގަނެ، މަގު ހޯދުމަށްޓަކައި އަޅަންޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅުތައް އަޅަންޖެހޭނީ ވެސް އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!