އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި، ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުންނާއި މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކާ ގުޅިގެން މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ އާއި އިސްރާއީލުގެ ގުޅުމަށް އަންނަ ކުރިއެރުންތަކަށް ދެ ލީޑަރުން މަރުހަބާ ވިދާޅުވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ހާއްސަ ސްޓްރެޓީޖިކް ޕާޓްނާޝިޕް އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމަށް ސާބިތުވެ ތިބިކަން ދެ ލީޑަރުން ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

މީގެ އިތުރުން، މެދުއިރުމަތީގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުން ދެ ލީޑަރުން ހިޔާލު ބަދަލުކުރެއްވި ކަމަށް ނިއުދިއްލީން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވެސް ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ކުރިއަށް ދެވެން އޮތް ހަމައެކަނި މަގަކީ މަޝްވަރާ އާއި ޑިޕްލޮމަސީ ކަމަށް އިންޑިއާއިން ގޮވާލާ ގޮވާލުން މޯދީ ވަނީ މި ފޯން ކޯލުގައި ތަކުރާރުކުރައްވާފައެވެ. އަދި މި ކަންކަމުގައި ދެ ލީޑަރުން ގުޅުން ދަމަހައްޓަން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ދެ ގައުމުގެ އިސްވެރިން ފޯނުން ގުޅުއްވާފައި މިވަނީ މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެ، ސައޫދީ އަރަބިއްޔާ އާއި ޔަމަނުގެ ހޫތީންނާ ދެމެދު ކުރިމަތިލުންތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހޫތީންގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުންދާއިރު، ހޫތީން ދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައޫދީއަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ.

މި ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް ހައްލުނުވެ ދެމިއޮތް ވަގުތެއްގައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވެސް ވަނީ އެއްވެސް ކުރިއެރުމެއް ނުލިބި ހުއްޓުމަކަށް އައިސްފައެވެ.