ޣައްޒާގައި އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުގެ ސިފައިން ބުރާސްފަތި ދުވަހު މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ކުޑަ އަންހެން ކުއްޖަކު ހިމެނޭހެން ފަލަސްތީނުގެ ހަތަރު މީހުން ޝަހީދުކޮށްލައި، 19 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.
މި ހަމަލާތައް ދީފައިވަނީ އެއްބަސްވުމާ ޚިލާފު އަމަލުތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައި ކަމަށް މެޑިކަލް މަސްދަރުތަކުން ވަނީ ބުނެފައެވެ.
ހަމަލާތަކުގެ ތަފްސީލު ހާމަކުރަމުން ސިއްހީ އޮފިޝަލުން ބުނީ، ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ ހުޅަނގުން ދުއްވާފައި ދިޔަ އިލެކްޓްރިކް ބައިސްކަލަކަށް އިސްރާއީލުގެ ޑްރޯނަކުން ހަމަލާދީ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައިވާ ތެލް އަލްހަވާ އަވަށުގައި އާންމުންގެ ކާރަކަށް ޑްރޯނަކުން ދިން ހަމަލާއެއްގައި މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވި އިރު، އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. މީގެއިތުރުން އުތުރުގެ ޖަބަލިއާގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އަންހެން ކުއްޖެއްގެ ބޮލަށް ވަޒަން އަރުވައި ޝަހީދުކޮށްލާފައިވާ ކަމަށް އަނަދޯލޫ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މެޑިކަލް މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ދެކުނުގެ ޚާން ޔޫނިސްގައި ވެސް ޑްރޯނަކުން ސައިކަލަކަށް ހަމަލާދީ މީހަކު ޝަހީދުކޮށްލައި، ދެ މީހަކު ވަނީ ޒަޚަމްކޮށްލައިފައެވެ. ހަމައެއާއެކު، ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ މުސްތަފާ ޙާފިޒް ސްކޫލަށް އިސްރާއީލުގެ ބޮޑުބަޑީގެ ހަމަލާތަކެއް އަމާޒުވެ، އެއް އާއިލާއެއްގެ ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ. ނާސިރު ހޮސްޕިޓަލުގެ މެޑިކަލް މަސްދަރަކުން ބުނި ގޮތުގައި ސްކޫލުގެ ގޯތިތެރޭގައި ޖަހާފައި ހުރި ޓެންޓަކަށް ބޮޑުބަޑީގެ ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެގެން ފަރުވާއަށް ގެނެސްފައިވަނީ ފިރިހެނަކާއި އޭނާގެ އަނބިމީހާގެ އިތުރުން އެ ދެމަފިރިންގެ ދެ ދަރިންނެވެ.
މީގެއިތުރުން، ޣައްޒާ ސިޓީގެ އުތުރުގައިވާ އަރުޟުލް ޝަންތީ ސަރަހައްދުގައި އެއްވެ ތިބި އާންމުންނަށް އިސްރާއީލުން ދިން ހަމަލާއެއްގައި 13 މީހަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި ޚާން ޔޫނިސްގެ ޙަމަދު ސިޓީގެ އިރުމަތީގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ގެތަކަށާއި ޓެންޓުތަކަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދިން ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.
ހަމަލާތައް އިތުރަށް ވަރުގަދަކުރަމުން، ބުރާސްފަތި ދުވަހުގެ ހެނދުނު ޣައްޒާ ސިޓީގެ ހުސްކޮށްފައިވާ ދެ ގެއަކަށް ވެސް އިސްރާއީލު ސިފައިން ވަނީ ހަމަލާދީފައެވެ. އެގޮތުން ރިމާލް އަވަށުގައި ހުރި ހުސް އެޕާޓްމަންޓަކަށް ހެލިކޮޕްޓަރަކުން ހަމަލާދިން އިރު، ނަޞްރު އަވަށުގައި މީގެކުރިން ބޮންއަޅައި ގެއްލުންދީފައިވާ ހުސް ގެއަކަށް ޑްރޯނަކުން ވަނީ ހަމަލާދީފައެވެ. މީގެއިތުރުން ޣައްޒާ ސިޓީގެ އިރުމަތީ އަވަށްތައް ކަމަށްވާ ތުއްފާޙު އަދި ޝުޖާޢިއްޔާގައި މީހުން ދިރިއުޅޭ އިމާރާތްތައް ގޮއްވާލުމުގެ އަމަލުތައް ކުރިއަށްދިޔަ އިރު، ބުރާސްފަތި ދުވަހުގެ ފަތިހާއި ރޭގަނޑު ވަރުގަދަ ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އާންމުން ބުނެއެވެ. އަދި ތުއްފާޙުގެ އިރުމަތީގައިވާ އަލްޞަނާފޫރު ކަންމައްޗަށް ބޮޑުބަޑީގެ ހަމަލާތަކާއި އަސްކަރީ އުޅަނދުތަކުގެ ބަޑީގެ ހަމަލާތައް ވެސް އަމާޒުވިއެވެ.
މި ހަމަލާތައް އަމާޒުވެފައި މިވަނީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ކޮންމެ ދުވަހަކު ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1،538 މީހުން ޝަހީދުވެ، 5،498 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 74،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 175،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، ޣައްޒާގެ މަދަނީ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް އިންސައްތަ ނުވަދިހަ ވަނީ ސުންނާފަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!