ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް އަހަރެއްހާ ދުވަސް ފަހުން މިމަހުގެ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ.
ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން ފުއްގިރީގެ މައްސަލާގެ އަޑުއެހުމެއް އެންމެފަހުން ބޭއްވީ މިދިޔަ އަހަރު އެވެ. އަދި އާރަށް މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އެހެން މައްސަލައެއް ހިނގަމުންދާތީ އާރަށް މައްސަލާގެ ޝަރީއަތް ވެސް އޮތީ މަޑުޖައްސާލައިފަ އެވެ.
އޭގެ ތެރެއިން ފުއްގިރީގެ މައްސަލަ އަންނަ ހަފުތާއަށް ވަނީ ތާވަލްކޮށްފަ އެވެ. އަދި އާރަށް މައްސަލާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.
އެ ދެ މައްސަލަ ވެސް މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.
އާރަށް މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވާފައި ވަނިކޮށް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. އަދި އެ މައްސަލާގައި އާ ހެކިތަކެއް ދައުލަތަށް ހުށަހެޅުމުން އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި ފުއްގިރި މައްސަލާގައި މިހާރު އޮތީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!