އިސްރާއީލުން ހިންގާ އަސްކަރީ އުދުވާންތަކަށް އެހީތެރިކަން ފޯރުކޮށްދޭ ނުވަތަ އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރާ އެއްވެސް މުދަލެއް މެލޭޝިއާ މަގުން އުފުލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ދާތޯ ސެރީ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އަންވަރު މީސްމީޑިއާ މަންސަ އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށެއްނެތް އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަސްކަރީ އުދުވާންތަކަށް އެހީތެރިވުމަށް މެލޭޝިއާގެ ސަރަހައްދު ބޭނުންކުރުން ހުއްޓުވުމުގައި އެ ގައުމު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

Ad
d

އަންވަރު ވިދާޅުވީ، މެލޭޝިއާގެ ސިޔާސަތު މިއުސޫލުގައި ވަރަށް ސާފު ކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި އެހެނިހެން ކުށެއްނެތް އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި އަސްކަރީ ގާބިލުކަމަށް އެހީތެރިވާ އެއްވެސް މުދަލެއް މެލޭޝިއާގެ ސަރަހައްދީ އިމުގެ ތެރެއިން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝައްކުކުރެވޭ ކޮންމެ މުދަލެއް މެލޭޝިއާގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި ފާސްކޮށް ތަހުގީގު ކުރެވޭނެ ކަމަށާއި، ގާނޫނާ ހިލާފު ކަމެއް ފާހަގަކުރެވިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައެވެ. މެލޭޝިއާގެ ނޫސް އެޖެންސީ ބެރުނާމާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ނިންމަވާލެއްވި މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހޫނު މަރުހަބާއާއި ބެހެއްޓެވި ގާތްކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމާއި އިތުބާރާއި ލޯބީގެ ރަމްޒެއްގެ ގޮތުގައި އަންވަރު ސިފަކުރެއްވިއެވެ.

ރައީސް މުއިއްޒު، އަންވަރުގެ ޝަރަފުގައި މާލޭގައި ބޭއްވެވި ރަސްމީ މެންދުރުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ގައުމެއްގެ ވެރިއަކު އެހާ ގިނަ ވަގުތު އޭނާއާއެކު ހޭދަކުރެއްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މެލޭޝިއާއަކީވެސް ރާއްޖެއަށްވުރެ ކުޑަކޮށް ބޮޑު ނަމަވެސް ނިސްބަތުން ކުޑަ ގައުމެއް ކަމަށް އަންވަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މާޔޫސްވާކަށް ނުޖެހޭނެ. މިހާރު ދުނިޔެއަށް ބޭނުންވަނީ ބޮޑު ހިތެއް އޮތް ކުދި ގައުމުތައް،" ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވިއެވެ. އަންވަރު އިތުރަށް ވިދާޅުވީ މެލޭޝިއާއާއި ދިވެހިރާއްޖެއަކީ އެއްގޮތް އުސޫލުތަކަކާއި އަމާޒުތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށާއި، ގައުމުގެ އާބާދީ ނުވަތަ ބޮޑުމިނުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމަށާއި ތަސައްވުރުތައް ހާސިލުކުރުމަށް ހުރަސްއެޅުނުދީގެން ނުވާނެ ކަމަށެވެ.

Ad
df

އެގޮތުން "ބާރުގަދަ މީހާ ހަދާ ގޮތެއް ރަނގަޅުވާނެ" ކަމަށް ބުނާ އުސޫލަށް ތަބާވުމުގެ ބަދަލުގައި، ރަނގަޅު ހެޔޮ ވެރިކަމަކާއި، ޒިންމާދާރުކަމާއި، ހައްގު ގޮތުގައި ސާބިތުވެ ތިބުމުގެ ހިތްވަރު ދައްކައިގެން ދުނިޔޭގެ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެވިދާނެކަން ދެ ގައުމަށްވެސް ސާބިތުކޮށްދެވޭނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.