ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ޕީ.ސީ) ގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން ހުންނެވި އެ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކުރިއަށްގެންދެވި، މި ބައްދަލުކުރެއްވުމުގައި ވަފުދުގެ އިސްވެރިޔާ ޕެންގް ޝިއުބިން ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުން ހިފަހައްޓާ އެއްގޮތް އުޞޫލުތަކާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައިގަނޑު އަސާސްކަން ފާހަގަކުރެއްވިއެވެ.

Ad
d

އޭގެ އިތުރުން، ޤައުމީ އިޞްލާޙީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަމަށާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލުކުރައްވާފައިވާ ކާމިޔާބީތަކަށް ޕެންގް ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި އެ ކާމިޔާބީތަކަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދެފަރާތަށް ލާބައާއި މަންފާ ލިބޭނެހެން އެކުގައި މަސައްކަތްކުރުމުގެ ތެރެއިން، މި ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އުންމީދުކުރައްވާކަމަށްވެސް ޕެންގް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ ޒިޔާރަތްތައް ގިނަގިނައިން ބޭއްވެމުންދިއުމަކީ، މި ބައިވެރިވުމުގެ ބަދަހިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

Ad
df

އަދި ދެ ޤައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަރޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.