ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް 27 އަހަރު ފުރުމާއެކު، އެ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ)ގެ ރައީސާ އައިޝަތު ޢީސާ އާއި އެ މަރުކަޒުގެ ޚިދުމަތުގައި ފޫޅުމާއެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު، ޚިދުމަތުން ވަކިވެވަޑައިގެން ހުންނެވި، މަރިޔަމް މޫސާއެވެ.
އެ ރަށު ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު ޝަމީމް "ތިލަދުން"އަށް ވިދާޅުވީ، މާބަނޑު މީހުންގެ ސްކޭންތަކުގެ އިތުރުން ޖެނެރަލް އަލްޓްރާ ސައުންޑް ސްކޭންތައް ވެސް މިއަދުން ފެށިގެން އެ މަރުކަޒުން ހެދޭނެކަމަށެވެ.
މާބަނޑުމީހުންގެ ސްކޭންތައް ކުރައްވާނީ، އެ ރަށުގައި ހުންނަވާ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ ކަމަށާއި، އެތެރެހަށީގެ ސްކޭންތައް ކުރައްވާނީ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުކަމަށް ވެސް އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.
މީގެއިތުރުން، އެ މަރުކަޒުގެ އާބާތުރަ ފިލުވުމާއި، ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ލުއިފަސޭހަ މަގުތަކެއް ފަހިކޮއްދިނުމަށްޓަކައި އެތައް ކަމެއް ކުރެވިއްޖެކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެއެވެ. އަދި މަރުކަޒުގެ ޚިދުމަތްތައް ފުޅާ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި، އެ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބޭ އެއްބާރުލުން ޝަމީމް ފާހަގަ ކުރައްވާފައިވެއެވެ.
" މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު، މި މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށްޓަކައި، މިނިސްޓްރީން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނީ." ޝަމީމް ވިދާޅުވިއެވެ.
ޑައިލިސިސްގެ ޚިދުމަތް ޤާއިމު ކުރެވުމާއެކު، ރައްޔިތުންނަށް ފަސޭހަކަމާއެކު ފަރުވާ ހޯދޭނެކަމަށް ޤަބޫލުކުރެވޭކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަމީމް، މި ނޫހަށް ހިއްސާކުރައްވަމުން ވިދާޅުވީ، ހަނިމާދޫގައި ޢިމާރާތްކުރަމުންދާ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތް ނިމުމުން، އެކްސްރޭގެ ޚިދުމަތް ވެސް ލިބިގެންދާނެކަމަށެވެ.
މިފަދަ މުޙިއްމު ޞިއްޙީ ޚިދުމަތެއް އެ ރަށުގައި ފެށުމަށް ފަހިކޮއްދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށާއި ދާއިރާގެ އިސްވެރިންނަށް ޝަމީމްވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!