25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވުމުގެ ގޮތުން އެކި ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން ވަނީ އެކަމަނާއަށް ގާރޑް އޮފް އޮނަރ އެއް އަރުވާފައެވެ.

Ad
d

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ގާރލްގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް ކަމަށެވެ. އަދި މި ޙަރަކާތުގައި ދެވޭ ތަމްރީނުތަކުގެ ސަބަބުން، އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫޙު އާލާކުރުވާކަމަށާއި، ފަރުދީ މަންފާއަށްވުރެ ޖަމާޢަތުގެ މަންފާ ކުރިޔަށް ނެރުމަށް ހަނދާންކޮށްދޭ ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ކޭމްޕަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެ އެތައްކަމެއް އުނގެނި އަދި ތަޖުރިބާ ޙާސިލުކުރި މައިދާނަކަށް ވާއިރު، މި ކޭމްޕަށް ވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާފުޅުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން، ޕީޓީއެލްގެ ޚިދުމަތަށް 25 އަހަރު ފުރުމާއެކު، އަންނައަހަރަކީ ދިވެހިރާއްޖޭގެ ގާރލްގައިޑް އެސޯސިއޭޝަނަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބިލީ އަހަރުކަން ފާހަގަކުރައްވައި، ގާރލްގައިޑް ޙަރަކާތުގައި އިސްކޮށް އުޅުއްވާ އެންމެހާ ބޭފުޅުންނަށް އެކަމަނާ ވަނީ ތަހުނިޔާ ދަންނަވާފައެވެ.

އަންނަ އަހަރު ދިވެހިރާއްޖޭގެ ގާރލްގައިޑް ޙަރަކާތަށް 75 އަހަރު ފުރުން ރަމްޒުކޮށްދެނީ، އުނގެނުމާއި ރަނގަޅު އަޚްލާޤަށް އަހުލުވެރިވުމަށް ދިވެހިން ދޭ އިސްކަން ކަމުގައި މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި މި ސިފަތަކަކީ ދިވެހިންގެ ކުރިމަތީގައި ޤަދަރު އުފުލިގެންވާ ސިފަތަކެއް ކަމަށާއި، މި ޙަރަކާތުގެ ސަބަބުން ބައިވެރީންގެ ފަރުދީ ތަރުބިއްޔަތަށް އަހުލުވެރިކުރުވައި، ވަގުތަށް ކަމޭހިތުމާއި، ފުރިހަމަ ސިއްޙަތަށް އިސްކަންދިނުމާއި، ކަންކަމުގައި ފަރުވާތެރިވެ މުރާލިވުމުގެ އިތުރުން އަމިއްލަ ޢާއިލާއާއި ގާތްތިމާގެ މީހުންގެ މައްޗަށް ކުލުނު އުފައްދައިދޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ގާރލްގައިޑު ޙަރަކާތުގެ ޝިޢާރުން ރަމްޒުކޮށްދެނީ ގޮންޖެހުންތަކާއި އެކިކަހަލަ ފިއްތުންތަކާއި ފުރޮޅުންތަކުން ނެއްޓިގެން އަމާޒަށް ވާސިލުވުން ކަމަށާއި، އެއީ އުއްމީދާއި އުޖާލާކަން ދައްކުވައިދޭ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ގައިޑް ޙަރަކާތުގައި ހިމެނޭ ކޮންމެ ދަރިވަރަކީވެސް ޤައުމަށް ބޭނުންޖެހޭ ކޮންމެ ދާއިރާއެއްގައި ޚިދުމަތްކުރާނެ ދަރިންކަން ފާހަގަކުރައްވައި، ދެވޭ ޚިދުމަތުގެ ބާވަތް ދަނެގެން، އޭގެ އެންމެ ހަރުދަނާ ރަނގަޅުގޮތުގައި ޚިދުމަތް ފޯރުކޮށްދޭނޭ ދަރިވަރުން ކަމަށްވުމަށާއި، ޤައުމީ އެންމެ އުސް ކުންނުތައް ދައްކުވައިދޭ ކުރިބޯށިތަކަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

Ad
df

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ތިން ފަރާތަކަށް ރަމްޒީ ހަދިޔާ ޙަވާލުކޮށްދެއްވާފައެވެ. އަދި މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވަނީ އެކަމަނާއަށް ޚާއްސަ ހަދާނީ ހަދިޔާއެއް އަރުވާފައެވެ. ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ސަރަޙައްދު ބައްލަވާލައްވައި، ކޭމްޕްގެ ބައިވެރިންނާއެކު ފޮޓޯއެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.