16 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ:
" ބައްޕައޭ؟" ފިރާޝާއަށް ސުވާލު ކުރެވުނެވެ.
" ދެން އަވަސްކޮއްބަލަ." މާޒިން ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެެވެ.
ގެއަށް ނުގޮސް މާޒިން ކުޑައިރުކޮޅަކު މަޑުކޮއްލީ ފިރާޝާގެ ފޯނުކޯލް ލިބެންދެނެވެ. އޭރު ވެސް އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. ރޭގަނޑުގެ ހިމޭންކަމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުން މިހާރު ގެއްލިއްޖެއެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރި އިރު، އޭނާއަށް އިވެނީ އޭނާގެ ހިތުގެ ތެޅުމުގެ އަޑު އެކަންޏެވެ.
ފިރާޝާ ގުޅުމާއެކު މާޒިން، ފޯނު ނަގައި ކަންފަތުގައި ޖައްސާލީ ނުހަނު އަވަހަށެވެ.
" ބައްޕަތަ ހަމަ އެއީ؟" ފިރާޝާ ވާހަކަ ދެއްކުމުގެ ކުރިން، ފުރަތަމަ ވެސް މާޒިންއަށް ކުރެވުނީ އެ ސުވާލެވެ.
" ކިހިނެއްވީތަ މާޒިން؟ ބައްޕަ ވަދެއްޖެޔޭ ކޮޓަރިއަށް. ދެން ވެސް އަވަހަށް އާދެބަލަ!" ފިރާޝާ ބުނެލީ ފޫހި ގޮތަަކަށެވެ. މާޒިން ނައިސްގެން އޭނާ އިނީ ކޮންމެވެސް ވަރަަކަށް ހިތްހަމަނުޖެހިފައެވެ.
" ބައް...ބައްޕަ؟ ވައިޓް ޓީޝާޓެއް ލައިގެންތަ ހުރީ؟" އަނެއްކާ ވެސް މާޒިން އެހިއެވެ.
" އާނ! ވައިޓް ޓީޝާޓެއް ލައިގެންނެއްނު ބައްޕަ މިރޭ ނަމާދަށް ދިޔައީ. އަހަރެން މިހާރު މިހުރީ ބޭރުގަ." ފިރާޝާ ބުންޏެވެ.
ފޯނު ކަނޑާލުމަށްފަހު، މާޒިން ގެއާ ދިމާލަށް ހިނގައިގަތީ ބަރުހިތަކައިގެންނެވެ. ފިރާޝާއަށް މާޒިން ފެނުމާއެކު އޭނާ ގޮސް މާޒިންގާތު ހުއްޓުނެވެ.
" ބައްޕައަށް ކިހިނެއްވީތަ؟ މި ދަންވަރު ބައްޕަ ކޮންތާކުން އެ އައީ؟ " ފިރާޝާ ވެސް މިހާރު ކުޑަކޮށް ހާސްވެއްޖެއެވެ.
މާޒިން، ފިރާޝާގެ އަތުގައި ހިފައިގެން ގޮސް އިށީނީ ބޭރު ޖޯލިފަތީގައެވެ.
" ކީއްކުރަންތަ މެޗު ބަލަން ދިޔައީމަ އަބަދު މެސެޖް ކުރަނީ؟ އަހަރެން ބުނީމެއްނު ނިންމާފަ އަންނާނަމޭ." މާޒިން ފުރަތަމަ ބޭނުންވީ ފިރާޝާދެކެ ހިތްހަމަނުޖެހިފައި ހުރިކަން އަންގާލާށެވެ.
" ނުނިދިގެން ހަމަ. މާޒިން ނެތިއްޔާ އަހަންނަކަށް ނުނިދޭނެ. އަހަރެން ބުނީމެއްނު އަހަރެން ނިދީމަ ދާށޭ. މާ ކުރިންނޭ ދިޔައީ. އެހެންވެ." ފިރާޝާ ބުންޏެވެ.
ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު މާޒިން ތުންތަޅުވާލިއެވެ.
" ބައްޕަ ވެސް އެ އައީ މެޗު ބަލައިގެންތަ؟" ފިރާޝާ އެހިއެވެ.
" އަހަރެން ގެއަށް އަންނަނިކޮށް، ބައްޕަ ފެނުނީ ސާދުނައްތަގެއިން ނިކުންނަނިކޮށް.." މާޒިން ބުންޏެވެ.
" އޭނ؟ ސާދުނައްތަ؟ ލީނާގެ މަންމަ؟ " ފިރާޝާއަށް ލިބުނީ ހައިރާންކަމެވެ. މާޒިން ބޯ ޖަހާލުމުން ވެސް އިރުކޮޅެއް ވަންދެން ފިރާޝާއަށް އިނދެވުނީ އެކަމާ ވިސްނާށެވެ.
" އެއީ ކެފޭތެރޭގައި ވެސް ވަރަށް މަޝްހޫރު މީހެއް. ކޮންމެވެސް މީހަކު އަތުއަޅުވާލައިގެން އުޅޭ ވާހަކަ އަބަދުވެސް އަޑު އިވެނީ. ދުވަހަކު ވެސް ބައްޕަގެ ނަމެއް ނުކިޔަ. އެކަމަކު އެ ދައިތައަކީ ރަނގަޅު މީހެއް ނޫން. " މާޒިން ބުނެލީ މާޔޫސީ ރާގަކަށެވެ.
" އަޅެ! ބައްޕަ އިންނަން އެ އުޅެނީ ސާދުނައްތައާ؟ ލީނާއަށް ވެސް އެނގޭނެދޯ އަސްލު މިކަން. އެކަމަކު އެއީ މާޔާގެ ބެސްޓްފްރެންޑް." ފިރާޝާ ބުންޏެވެ.
" މަންމަ ކައިރީ އަހަރެން ބުނާނަން." މާޒިން ބުންޏެވެ.
" ނޫން. އޭރުން މަންމަ ދާނެ ސާދުނައްތައާ ދިމާލަށް." ފިރާޝާ ބުންޏެވެ.
" މަންމަ ގޮސްގެން ވެސް މިކަން ހުއްޓެނިކޮށް އަހަންނަށް ހެޔޮ. ބައްޕަ އުޅޭ ގޮތެއް ދޯ؟ އަދި ރަނގަޅު މީހަކާ ނަމަވެސް އޯކޭއޭ. ރަށުގެ އެންމެ މަޝްހޫރު މީހާގެ ދަލުގައި ބައްޕަ ވެސް އެ ޖެހުނީ. " މާޒިން ބުންޏެވެ.
މާޒިންގެ މޫނަށް ބަލަހައްޓައިގެން އިން ފިރާޝާ، ފުންނޭވާއެއް ދޫކޮއްލަމުން ދުރަށް ބަލައިލިއެވެ. މާޒިން ދެރަވެފައި ހުރި ވަރު އޭނާއަށް އިޙްސާސް ކުރެވުނެވެ.
" ކޮންމެކޮންމެ ރެޔަކު ބައްޕަދޭ އެ ތާކަށް. މަންމައާ ކައިރި ބުނެފައި އަހަރެމެންނަށް ވެސް އެނގޭކަން އަންގާލަންވީ. ލަދުން ވެސް ހުއްޓާލަފާނެ އޭރުން." ފިރާޝާ ބުންޏެވެ.
އެ ވަގުތު ވަރުބަލިވެފައިވާ މީހަކު ފަދައިން މާޒިން ޖޯލިފަތީގައި އޮށޯވެލިއެވެ.
" އުނހު. ތިކަން ވާނީ ކޮއްކޮގެ ކައިވެނި ނިމުނީމަ. މި ކަންތައްގަނޑުގައި ކޮއްކޮ ވެސް ބައްޕަދެކެ ރުޅި އަންނާނެ. އެންމެ ފަހުން އެ ފަކީރަށް ވަލީ ނުދީފިއްޔާ ކިހާ ދެރަވާނެ. އަހަރެން މާދަމާ ކޮއްކޮއަށް ގުޅާފަ ބުނާނަން ވަރަށް އަވަހަށް ކައިވެނި ކުރާށޭ. އެ ކަންތައް ނިމެންދެން ފިރާ ވެސް ހުރެދީ މިކަން ނޭނގޭ ކަމަށް ހަދައިގެން. ޕްލީޒް." މާޒިން އެދުނެވެ. ފިރިމީހާދެކެ ވާ ލޯބިން، އޭނާ ދެރަކުރާކަށް ފިރާޝާ ފަހަރެއްގައި ވެސް ބޭނުމެއް ނޫނެވެ.
ނަޖާހު އިނީ ކަޅިޖަހައިނުލާ މާޔާއަށް ބަލަހައްޓައިގެންނެވެ. މާޔާގެ ކޮންމެ ހަރަކާތެއް އޭނާއަށް ވަރަށް ކަމުދެއެވެ. އާއިޒާ ކައިވެނިކުރަން އުޅޭކަން އެނގި ހުރެ ވެސް، ނަޖާހުއަށް މާޔާގެ ހިޔާލުތަކާ ދުރަކަށް ނުދެވުނެވެ. ކޮންމެ ދުވަހަކު އޭނާ އޮފީހުން ފެންނާތީ ކަމަށް ވެދާނެއެވެ. ނޫނީ ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮންނަނީ ކަމަށް ވެސް ވެދާނެއެވެ.
މާޔާއާ ދިމާލަށް ނަޒަރު ހުއްޓައިލައިގެން އިން ނަޖާހުގެ ފުންބެލުމުގައި މާޔާގެ ލޯ އަޅައިގަތީ ކުއްލިއަކަށެވެ. ހަމައެއާއެކު، އެ ބެލުމުގެ ފުންކަން މާޔާގެ ހިތަށް އިޙްސާސްކުރެވުނެވެ. ނަޖާހުގެ އަސަރުން ފުރިގެންވާ ނަޒަރުން މިންޖުވާން މަސައްކަތްކުރި ނަމަވެސް، އޭނާގެ ލޮލާ ވަކިވެގަންނާނެ ކުޅަދާނަކަމެއް މާޔާއަކަށް ނުލިބުނެވެ.
އެންމެފަހުން ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ގެންނަމުން މާޔާ ބުމަ ހިއްލައިލީ ކީކޭހޭ އަހައިލާފަދަ ގޮތަކަށެވެ. އެއާއެކު ނަޖާހުގެ ތުންފަތް މައްޗަށް ވެސް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. ކަމެއް ނުވެޔޭ ބުނާފަދަ ގޮތަކަށް އޭނާ ދެ ފަރާތަށް ބޯ ހޫރާލިއެވެ. ނަމަވެސް ލާނެތް ހިނިތުންވުމެއްގައި ހުރި މާޔާ ތެދުވެގެން އޭނާ އާ ދިމާލަށް އަންނަން ފެށުމުން ނަޖާހުގެ މުޅި ހަށިގަނޑު ފިނިވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.
" ބުނޭ! ފާޑަކަށް ތި ބަލަނީ ކީއްވެ؟" ނަޖާހު ކައިރީ ހުރި ގޮނޑި ދަމާލަމުން މާޔާ އިށީނެވެ.
ފުންނޭވާއެއް ދޫކޮއްލުމަށްފަހު ނަޖާހު އަނެއްކާ ވެސް މާޔާއަށް ބަލައިލިއެވެ.
" އަންހެންކުއްޖަކަށް ބަލާނީ ރީތިވީމަ ދޯ؟" ނަޖާހު ބުންޏެވެ.
" ދެން ނަޖާހޫ! އަބަދު ފްލާޓް ނުކޮއްބަ. އާއިޒް ވެސް އަހަންނަށް ތަޢުރީފު ނުކުރޭ ތިވަރަކަށް." މާޔާ ބުނެލީ މަޖާ ރާގަކަށެވެ.
" އޭނަ އެއްވެސް ވަރަކަށް ތަޢުރީފު ކުރޭތަ؟ " ހިނިގަނޑެއް ޖަހާލަމުން ނަޖާހު އެ ބުނި ޖުމްލައާމެދު މާޔާއަށް ފުންކޮށް ވިސްނާލެވުނެވެ.
" މާޔާގެ ތި ހިމޭންކަމުން އަހަންނަށް ޖަވާބު ލިބިއްޖެ." ނަޖާހުގެ އަޑުގައިވީ ހަމްދަރުދީއާއި ލޯބިއެކުލެވިފައިވީ މަޑުމައިތިރިކަމެވެ. މާޔާއަށް އިސްޖަހައިލެވުނީ ހިތުގައި ޖެހުނު ވަރުންނެވެ. ޙަޤީޤަތުގައި ވެސް އާއިޒްގެ ފަރާތުން އެ ފަދަ ލޯބިވެތިި ބަހެއް ނުލިބޭކަން ހަނދާންވުމުން އޭނާ މޭގައި ރިއްސާލިއެވެ.
" ލޯބިވަންޏާ ތަޢުރީފު ކުރަންޖެހޭނެ. އުފާވާ ކަހަލަ ބަސްތަކުން ލޯބިވާ މީހާ އުފާކޮއްދޭން ޖެހޭނެ. މިއީ އަހަރެންގެ އުޞޫލު. އެހެންމީހެއްގެ ގޮތެއް ނޭނގެ." ނަޖާހު ބުންޏެވެ.
ނަޖާހުގެ ކޮންމެ ޖުމްލައަކީ މާޔާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވި ޖުމްލަތަކެކެވެ. މާޔާ އަބަދުވެސް ބޭނުންވީ އެ ފަދަ ލޯތްބެކެވެ. އެ ފަދަ އަޅައިލުމެކެވެ. ނަޖާހުގެ ވާހަކަތައް އަޑުއަހަން ގެނބިފައި އިންދާ، ހިތުގެ ކޮންމެވެސް ކަނަކުން އާއިޒް މަތިން ހަނދާންވެ، އޭނާގެ ޟަމީރު ކުޑަކޮށް ހޭލައްވާލިއެވެ. އެހެންވެ، މާޔާ މަސައްކަތް ކުރީ އާއިޒްގެ ދިފާޢުގައި ވާހަކަ ދައްކާށެވެ.
" އެންމެން އެއްގޮތެއް ނުވާނެއެއްނު. އަހަންނާއެކު އުޅެންފެށީމަ، އާއިޒްގެ މިޒާޖު ބަދަލުވެދާނެ." ލުއި ހިނިތުންވުމެއްގައި އިނދެ މާޔާ ބުނެލިއެވެ.
" އެކަމަކު މިޒާޖަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން. މާޔާ ތިކަން ކުރަންވާނީ، އެ ހުރިހާ ކަމެއް ދެނެހުރެގެން. އެހެން ނޫނީ ފަހުން ހިތާމަކޮށް، އެކަން ކުރެވުނު މޮޔަ ހީވެދާނެ." ނަޖާހު ބުނެލީ ފަސޭހަކަމާއެކުއެވެ.
" ލޯތްބަކީ ކަނު އެއްޗެކޭ ބުނެއެއްނު. އަހަރެން އާއިޒްދެކެ ލޯބިވަންޏާ، އޭނަގެ ހުރިހާ ސިފައެއް ވެސް އަހަންނަށް ކަމުދާނެ. " އެހެންބުނެ، މާޔާ ތެދުވިއެވެ.
" އެހެން ނަމަ، އަހަރެންގެ ލޮލުގެ އެންމެ އިޝާރާތަކުން އެތާ އިނދެފަ، މި ތަނަކަށް ނައިސް. " ނަޖާހު އެހެން ބުނުމަށްފަހު ކޮމްޕިޔުޓަރުގެ ކީބޯޑު މަތީ އަތް ބާއްވާލިއެވެ. އެއާއެކު، ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ވެސް އަޅަން ނޭނގިފައި މާޔާއަށް ހުރެވުނެވެ.
" މާޔޫ!" ކުއްލިއަކަށް ދެ މީހުންނަށް ވެސް ބަލައިލެވުނީ ދުރުގައި ހުރެ، އާއިޒް ގޮވާލި އަޑަށެވެ. އޭރު ވެސް ނަޖާހު އިނީ އޭނާގެ ކުރިމަތީގައި ހުރި ކޮމްޕިޔުޓަރަށް ބަލަހައްޓައިގެންނެވެ.
ގަދަކަމުން ހީލަމުން މާޔާ އާއިޒާ ދިމާލަށް ހިނގައިތީ ނުތަނަވަސްވެފައި ހުރެއެވެ. މާޔާއާއި ނަޖާހުގެ ދެމެދުގައި ކޮންމެވެސް އާދަޔާޙިލާފު ވާހަކަތަކެއް ދެކެވުނުކަން އާއިޒަށް ދެނެގަނެވުނެވެ.
" ކިހިނެއްވީ؟ " މާޔާ އައުމާއެކު އާއިޒް ސުވާލު ކުރިއެވެ.
" ކަމެއް...ނުވެ. ކީއްވެ ތިހެން ތި އެހީ؟ " ބަރުނޭވާއެއް ހަށިގަނޑުގައި ހިފަހައްޓާލަމުން މާޔާ ސުވާލު ކުރިއެވެ.
" ހާސްވެފައި ހުރިހެން ހީވީމަ. " ނަޖާހުއަށް ބަލަހައްޓައިގެން ހުރެ އާއިޒް ބުންޏެވެ.
" ނޫން. ޑިޔުޓީ ނިމިގެން ދެން، ނަޖާހު އެތާ އިނީމަ އަނގަތަޅާލަން އައި. ހިނގާ ދާން." މާޔާއަށް ބުނެވުނީ ވަރަށް އުނދަގުލުންނެވެ.
ނަޖާހު ދެއްކި ވާހަކަތައް، އާއިޒަށް ކިޔައިދޭކަށް އޭނާއަކަށް ނުކެރުނެވެ. ނަޖާހަކީ އާއިޒްގެ ގާތް އެކުވެރިއަކަށް ވެފައި، އެ ފަދަ ވާހަކަތަކެއް ދެއްކިކަން އާއިޒަށް އެނގުމުން، މަސްލަޙަތު ރަނގަޅު ނުވާނެތީ މާޔާ ބިރުގަތެވެ.
އާއިޒަށް ވުރެ ކުރިން މާޔާ ދޮރާ ދިމާލަށް ހިނގައިގަތެވެ.
" އޭ! ނަޖާ. ދަނީ އިނގޭ. އަދިވެސް ނުނިމޭ؟" އާއިޒް އެހިއެވެ. އެއާއެކު ނަޖާހު ބޯ ޖަހާލަމުން އާއިޒަށް ބަލައިލިއެވެ.
އާއިޒް ލިފްޓް ކައިރިއަށް އައި އިރު މާޔާ ހުރީ އޭނާގެ އިންތިޒާރުގައެވެ. އޭރު ވެސް މާޔާގެ މުޅި ހަށިގަނޑު ހުރީ ހިމޭންވެފައެވެ.
" އެކަމަކު މިޒާޖަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން. މާޔާ ތިކަން ކުރަންވާނީ، އެ ހުރިހާ ކަމެއް ދެނެހުރެގެން. އެހެން ނޫނީ ފަހުން ހިތާމަކޮށް، އެކަން ކުރެވުނު މޮޔަ ހީވެދާނެ." ނަޖާހުގެ އެ ޖުމްލަ މާޔާގެ ސިކުނޑިތެރެއިން ބޭރު ކޮއްލެވޭ ގޮތެއް ނުވިއެވެ. އެކަމާ އޭނާއަށް ވިސްނެން ފެށީ މާ ބޮޑަށެވެ.
" ހާދަ މަޑުމަޑުން ތި ހުރީ؟ އަނގައިން ވެސް ނުބުނެ." މާޔާއަށް ރޭކާލީ އާއިޒް ވާހަކަ ދެއްކުމުންނެވެ. ލިފްޓަށް އެރުނުކަން ވެސް އޭނާއަށް އެނގުނީ ދެނެވެ.
" ޓަޔަޑްވެފަ." މާޔާ ބުނެލީ ވަރުބަލިކަމާއެކުއެވެ.
" އެހެންތަ؟ ގެއަށް ގޮސް ނިދާލާ." އާއިޒް ބުންޏެވެ.
" ދޮންބެ މިއަދު ބުނި ކައިވެނި އަވަސްކޮއްލާށޭ. އެކަމަކު އަދި އަހަރެން އެކަމާ މި ވިސްނަނީ. " މާޔާގެ ވާހަކައިން އާއިޒަށް ލިބުނީ ހައިރާންކަމެވެ.
" ދާނަންތަ އެއްޗެއް ކާލަން؟" އާއިޒް އެހިއެވެ.
" ނެތް މޫޑެއް." މާޔާ ބުންޏެވެ.
އޭރު ދެ މީހުން ވެސް ތިބީ މަގުމަތީގައެވެ. ކާރެއް ހޯދަން މާޔާ މަގުމައްޗަށް ބަލަމުންދިޔައެވެ.
" ދަނީތަ ދެން؟" އާއިޒް އެހިއެވެ.
" އާނ.. ޖައްސާލަން ބޭނުމީ." މާޔާ ބުންޏެވެ.
" އޯކޭ އެހެންވިއްޔާ. " އާއިޒް ބުންޏެވެ.
މާޔާގެ ހިތަށް ތަދުވިއެވެ. ކައިވެނި ލަސްކުރަން ބޭނުންވިކަމަށް ބުނުމުން ވެސް އާއިޒް އެކަމާ ސުވާލެއް ނުކުރީމައެވެ. އެހާ ފަސޭހައިން އޭނާ ދިޔަދޭތީއެވެ. ނަމަވެސް އޭނާ ބޭނުންވީ ޝަކުވާ ނުކޮށް ގެއަށް ދާށެވެ. ކާރެއް ހުއްޓުވައިގެން އެއާ ދިމާލަށް ދިޔަ އިރު ވެސް އާއިޒް އެ ހުރިތާ ހުއްޓެވެ. މާޔާ ކާރަށް އެރުމާއެކު އާއިޒް ވެސް ހިނގައިގަތްތަން މާޔާއަށް ފެނުނެވެ. އަވަސް އަވަހަށް ސީޓުގައި ލެނގިލަމުން އޭނާއަށް ގައިން ބާރު ދޫކޮއްލެވުނީ ހަކަތަ ހުސްވެފައިވާ މީހެއް ފަދައިންނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!