އެމެރިކާގެ އަލަސްކާގެ ބެރިންގް ކަނޑަށް ބަންޑުންޖަހާލި ލޯންޗެއްގައި ހިފަހައްޓައިގެން އޮއްވައި، 48 ގަޑިއިރު (ދެ ދުވަސް) ފަހުން 15 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.
މި ހާދިސާގައި އެ ކުއްޖާއާއެކު ދަތުރުކުރި އޭނާގެ ބޭބެއާއި ދެބެންގެ ދެދަރި ކުއްޖާ ވަނީ ކަނޑަށް ގެނބިގެން މަރުވެފައެވެ.
ޑެރެކް ޕާކާ އަގްނާންގާގެ ނަމުން ނަން ދީފައިވާ މި ކުއްޖާ، އޭނާގެ ބޭބެއާއި ދެބެންގެ ދެދަރި ކުއްޖާއާއެކު މަހަށް ނުކުތީ ސެއިންޓް ލޯރެންސް އައިލެންޑްގައި އޮންނަ ސަވޫންގާ އަވަށުން ފުރައިގެން ހުކުރު ދުވަހުއެވެ. އެމެރިކާގެ ކޯސްޓްގާޑުން ބުނި ގޮތުގައި، އެ މީހުން އާދީއްތަ ދުވަހުގެ ހެނދުނު އެނބުރި އަންނަން ރާވާފައި ވަނިކޮށް، އެ މީހުން ދަތުރުކުރި ބޯޓު ބަންޑުންޖަހާލީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ސެއިންޓް ލޯރެންސް އައިލެންޑަކީ އެމެރިކާއަށް ވުރެ ރޫސީވިލާތާ ކައިރީގައި އޮންނަ އެކަހެރި ރަށެކެވެ.

އާއިލާއިން އެ ތިން މީހުން ގެއްލިގެން އާދީއްތަ ދުވަހުގެ ރޭ ރިޕޯޓްކުރުމުން، އެމެރިކާގެ ކޯސްޓްގާޑުގެ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ފެށީ ހޯމަ ދުވަހުގެ ހެނދުނުއެވެ. ކޯސްޓްގާޑުގެ އޭރިއަލް ކުރޫއަކަށް ހޯމަ ދުވަހުގެ ހެނދުނު އެ ކުއްޖާ ފެނުމުން، ސަލާމަތީ ރަފްޓަކާއި ތަކެތި ކަނޑަށް ވައްޓާލުމަށްފަހު، އެ ސަރަހައްދުން ދަތުރުކުރި "ދަ ނޯތުވެސްޓް އެކްސްޕްލޯރާ" ނަމަކަށް ކިޔާ މަސްބޯޓަކަށް އެކަން އެންގިއެވެ.
އެ ކުއްޖާ ސަލާމަތްކޮށް ބޯޓަށް ނެގީ "ދަ ނޯތުވެސްޓް އެކްސްޕްލޯރާ" ބޯޓުންނެވެ. ކޯސްޓްގާޑުން ބުނި ގޮތުގައި އެ ކުއްޖާ ބޯޓަށް ނެގިއިރު ހުރީ ފިނިހޫނުމިން 50 ފަރެންހައިޓްގައި ހުރި ފިނި ފެނުގައި ގިނަ އިރުތަކެއް ވުމުގެ ސަބަބުން ހައިޕޯތާމިއާގެ އަލާމާތްތައް ފެންނާށެވެ. އެ ހާދިސާގައި މަރުވި އެ ކުއްޖާގެ ބޭބެއާއި ދެބެންގެ ދެދަރި ކުއްޖާގެ ހަށިގަނޑުވެސް މިހާރު ވަނީ ހޯދާފައެވެ.
އެ ކުއްޖާ ސަލާމަތްކުރި ބޯޓުގެ ކެޕްޓަން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ "އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް" ކަމަށެވެ. ފިނީގެ ސަބަބުން ދަތްޕިލާ ޖެހިޖެހި އޮވެގެންވެސް، އޭނާގެ ބޭބެ އަދިވެސް އޮތީ ބަންޑުންވި ކުޑަ ބޯޓުގެ ދަށުގައި ކަމަށް އެ ކުއްޖާ ބުނި ކަމަށް ކެޕްޓަން ބުންޏެވެ. އަދި ސަލާމަތްކުރި ރޭގެ ކުރީ ރޭ، އޭނާގެ ދެބެންގެ ދެދަރި ކުއްޖާ ކަނޑަށް ގެނބިގެން ދިޔަ ކަމަށްވެސް އެ ކުއްޖާ ކިޔައިދިން ކަމަށް ކެޕްޓަން ވައިޓް ބުންޏެވެ.
އެ ކުއްޖާގެ ބޮޑުދައިތައަކު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެމުން ބުނީ، ގާތްގަނޑަކަށް 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސަވޫންގާ އަވަށުގެ ސަގާފަތާއި ދިރިއުޅުމަށް ހެލިބަޓް މަސްވެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބާނާ މަސް އާއިލާތަކަށާއި އަވަށްޓެރިންނަށް ހިއްސާކުރުމަކީ އެ މީހުންގެ އާދަކާދައެއް ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!